އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން ރާއްޖެއަށް މުޅިން އަލަށް ތައާރަފުކުރާ "ކްރޮޕް ތަކާފުލް" ހިދުމަތް ދިނުމަށް ތައްޔާރުވެއްޖެއެވެ.
ދަނޑުވެރިންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މިހިދުމަތް ތައާރަފު ކޮށްފައިވަނީ އެލައިޑު އިންޝުއަރަންސްގެ މައި އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
"ކްރޮޕް ތަކާފުލް" އަކީ ދަނޑުވެރިންގެ އާމްދަނީއަށް ކުރިމަތިވެދާނެ ހުރަސްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީ، އެކަމުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ މަގުސަދުގައި އުފައްދާފައިވާ ޕްރޮޑަކްޓެއް ކަމަށް އަޔާދީއިން މައުލޫމާތު ދެއެވެ. މިއީ އޮންލައިންކޮށް ވަގުތުން ނެގޭ ހިދުމަތެކެވެ.
އަޔާދީން ބުނެފައިވާ ގޮތުގައި މި ހިދުމަތުގައި ރަޖިސްޓްރީވުމަށް އެއްވެސް ލިޔެކިޔުމެއް ބޭނުން ނުވާނެއެވެ. އަދި މިވަގުތު މި ހިދުމަތުގެ ކަވަރޭޖު ހަމަޖެހިފައިވަނީ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ދަނޑުތަކަށް ލިބިދާނެ ގެއްލުންތަކަށް ބަދަލު ހޯދާ ދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
މިއާއެކު "ކްރޮޕް ތަކާފުލް" ނަގާފައިވާ ދަނޑުވެރިޔަކަށް، ޕްލޭންގެ މުއްދަތުގައި އެފަދަ ގެއްލުމަކާއި ކުރިމަތިވެއްޖެނަމަ، ހާދިސާ ހިނގާފައިވާ ކަމުގެ ރިޕޯޓަކާއެކު ފޮޓޯ ހުށައެޅުމުން ބަދަލު ހަމަޖެހިގެންދާނެއެވެ. ބަދަލުގެ ގޮތުގައި ކަނޑައެޅިފައިވަނީ ދަނޑު ހެއްދުމަށް ކޮށްފައިވާ ހަރަދުތަކާއި އެއިން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ފައިދާވެސް ހިމެނޭ ގޮތަށެވެ.
މިހާރުވެސް ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލާ، ބާރުވެރިވެރިކޮށްދޭ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ އެލައިޑް އިންޝުއަރަންސްއިން އުއްމީދުކުރާ ގޮތުގައި "ކްރޮޕް ތަކާފުލް"އަކީ ވެސް ދަނޑުވެރިންނަށް މޫސުމީ ބަދަލުތަކުގެ ސަބަބުން އަމްދަނީއަށް ކުރާ އަސަރު ކުޑަކޮށް ކޮލިޓީ އޮފް ލައިފް އިތުރު ކޮށްދޭނެ ހިދުމަތަކަށް ވެގެންދާނެއެވެ.
މި ހިދުމަތް "މައި އެލައިޑް" މެދުވެރިކޮށް ވަގުތުން، ނެގޭނެއެވެ. މިކަމަށް ހިނގާނެ ހަރަދު ބަލާލަން ބޭނުންވެއްޖެ ހާލަތެއްގައި މައި އެލައިޑް މެދުވެރިކޮށް އަގު ބަލާލެވޭނެ ކަމަށްވެސް އެ އެކުންފުނިން ބުންޏެވެ.
އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލް އަކީ އިސްލާމީ ޝަރީއާގެ އާސާސްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ފަރުދުންނާއި ކުންފުނިތަކަށް ކުރިމަތިވެދާނެ މާލީ ގެއްލުންތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ އިސްލާމިކް ވިންޑޯއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!