އިޓާލިއަން ލީގުގައި ރޭ އޭސީ މިލާނާއި އުދިނޭޒީ ބައްދަލުކުރި މެޗުން މިލާން ބަލިވި ނަމަވެސް އެ ޓީމަށް ކުޅެމުން އަންނަ ސްވިޑަންގެ ތަޖުރިބާކާރު ފޯވާޑް ޒަލްޓަން އިބްރަހިމޮވިޗް ދެ ރެކޯޑެއް ހަދައިފިއެވެ.

ރޭ އުދިނޭޒީގެ ދަނޑުގައި ކުޅުނު މެޗުން އެ ޓީމް އަތުން މިލާން ބަލިވެފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ.

Ad
rt

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ އުދިނޭޒީންނެވެ. މި ލަނޑު ނުވަވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ރޮބާޓޯ ޕެރޭރާއެވެ. މިލާނުން ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ލިބުނު ޕެނަލްޓީއަކުން އިބްރަހިމޮވިޗް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މި ލަނޑާއިއެކު އިބްރަހިމޮވިޗް ވެފައި ވަނީ އިޓާލިއަން ލީގުގައި އެންމެ ދޮށީ އުމުރުގައި ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ. އޭނާގެ މިހާރުގެ އުމުރަކީ 41 އަހަރާއި 166 ދުވަހެވެ. ކުރިން މި ރެކޯޑް އޮތީ 2007 ވަނަ އަހަރު މިލާންގެ ޑިފެންސް ބެލެހެއްޓި ބިލީ ކޮސްކަކޫޓާ އަތުގައެވެ. އޭނާ ލަނޑު ޖަހާފައި ވަނީ އޭނާގެ އުމުރުން 41 އަހަރާއި 25 ދުވަހުގައެވެ.

ފާއިތުވި ސީޒަންގައި މިލާނުން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާއިރު، އެ ކާމިޔާބީގައި އިބްރަހިމޮވިޗްގެ ހިއްސާ ބޮޑެވެ. ނަމަވެސް ސީޒަން ނިމުމަށް ފަހު ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކުރެވުނު އޮޕަރޭޝަނަށް ފަހު އަލުން އެނބުރި އޭނާ ކުޅުމުގެ ތެރެއަށް އައިސްފައި ވަނީ ދާދި ފަހުންނެވެ. ރޭ މެޗުގެ ފުރަތަމަ އެގާރައިން އިބްރަހިމޮވިޗަށް ފުރުޞަތު ދީފައިވާއިރު، މިއީ މި ސީޒަންގައި އޭނާ މިލާންގެ ފުރަތަމަ އެގާރާގައި ހިމެނުނު ފުރަތަމަ ފަހަރެވެ. މި މެޗުގެ ކެޕްޓަންކަން ކޮށްފައި ވަނީ ވެސް އޭނާއެވެ. އިބްރަހިމޮވިޗަކީ މިލާންގެ ކެޕްޓަން ބޭންޑް އެޅި އެންމެ ދުވަސްވީ ކުޅުންތެރިޔާއެވެ.

ޕެނަލްޓީން ލަނޑުޖަހައި އިބްރަހިމޮވިޗް މިލާނަށް ނަތީޖާ ހަމަހަމަ ކޮށްދިން ނަމަވެސް އޭގެ މިނެޓެއް ފަހުން އުދިނޭޒީން ވަނީ ލަނޑު ޖަހައި ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ބެޓޯއެވެ. އުދިނޭޒީގެ ތިންވަނަ ލަނޑު ޖަހައިދީފައި ވަނީ ކިންގްސްލީއެވެ.

އިޓާލިއަން ލީގުގެ އެއްވަނާގައި ނަޕޯލީން 18 ޕޮއިންޓްގެ ލީޑެއް ނަގާފައި އޮތުމުން ލީގުގެ ވާދަވެރިކަން ގާތްގަނޑަކަށް މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ. ނަމަވެސް ލީގުގައި ގަދަ ހަތަރެއްގެ ވާދަވެރިކަން ބޮޑެވެ. މިލާނުން ރޭ ބަލިވުމުން ގަދަ ހަތަރެއްގައި ސީޒަން ނިންމާލުމަށް ކުރަމުން އަންނަ މަސައްކަތަށް ވަނީ ގޮނެޖެހުން ކުރިމަތިވެފައެވެ. މިވަގުތު މިލާން އޮތީ ކުޅުނު 27 މެޗުން ލިބުނު 48 ޕޮއިންޓާއިއެކު ތާވަލުގެ ހަތަރު ވަނާގައެވެ. ފަސްވަނާގައި އޮތް ރޯމާއަށް 26 މެޗުން ވަނީ 47 ޕޮއިންޓް ލިބިފައެވެ. މެޗުން މޮޅުވި އުދިނޭޒީ މިވަގުތު އޮތީ ތާވަލުގެ 8 ވަނާގައެވެ. އެ ޓީމަށް 27 މެޗުން ލިބިފައި ވަނީ 38 ޕޮއިންޓެވެ.