އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި އެވަޓަން ބައްދަލުކުރި މެޗުން ޗެލްސީ މޮޅުވާން ދަނިކޮށް ފަހުވަގުތު އެވަޓަން އިން ލަނޑުޖަހައި ޗެލްސީ މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.
ރޭ ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މެ އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ.
މި މެޗުގައި ފެނިގެންދިޔަ ހަތަރު ލަނޑު ވެސް ޖަހާފައި ވަނީ ފަހު ހާފުގައެވެ. ފުރަތަމަ ލަނޑު 52 ވަނަ މިނެޓުގައި ޗެލްސީގެ ޗިލްވެލް އެވަޓަންގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ އެވަޓަންގެ ޑިފެންސުން ކުލިއާ ކުރަން ޖައްސާލި ބޯޅަ ހޯދައި ގޯލުގެ ދުރުކަނަށް ތިރިން ބޯޅަ ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ޖޯ ފެލިކްސް އެވެ.
މެޗުގެ ނަތީޖާ ފުރަތަމަ ފަހަރަށް އެވަޓަން އިން އެއްވަރު ކޮށްފައި ވަނީ 69 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން އެވަޓަންގެ ޓާކޯސްކީ ބޮލުން ޖައްސާލިބޯޅަ އޭރިއާ ތެރޭ ހުރި އެ ޓީމްގެ އަބްދުﷲ ޑޫކޯ ބޮލުން ޖައްސައި ގޯލުގެ ތެރެއަށް ވައްދާލި ބޯޅައިންނެވެ. މި ބޯޅަ ގޯލުގެ ތެރެއަށް ވަތްތަނުން ޗެލްސީގެ ކުޅުންތެރިން ދިފާއު ކުރި ނަމަވެސް ގޯލް ލައިން ޓެކްނޮލޮޖީގެ އެހީގައި މި ގޯލް ވަނީ ބަލައިގެންފައެވެ.
މެޗުގައި ޗެލްސީން ދެވަނަ ފަހަރަށް ލީޑު ނަގާފައި ވަނީ 76 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކައި ހަވާޓްޒް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ޕެނަލްޓީ ޗެލްސީއަށް ލިބިފައި ވަނީ އެ ޓީމްގެ ރީސް ޖޭމްސް އަށް އެވަޓަންގެ އޭރިއާތެރެއިން އެ ޓީމްގެ ޓާކޯސްކީ ކުރި ފައުލަކާއި ގުޅިގެންނެވެ.
އެވަޓަންއަށް ނަތީޖާ ހަމަހަމަ ކޮށްދީފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެއް މިނެޓަށް ވެފައި ވަނިކޮށް އެލިސް ރިކޯ ސިމްސް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ އެ ޓީމްގެ މިކޮލެންކޯ ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު ޗެލްސީގެ ޑިފެންޑަރ ކުލިބާލީ ގައިން ނައްޓާލުމަށް ފަހު އޭރިއާތެރެއަށް ވަދެ ގޯލުގެ ދުރުކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
މި ނަތީޖާއާއިއެކު ޗެލްސީ އަދި ވެސް އޮތީ ޕޮއިންޓް ތާވަލުގެ ދިހަ ވަނާގައެވެ. އެ ޓީމަށް 27 މެޗުން 38 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނާގައި އޮތް ޓޮޓެންހަމްއާއި ޗެލްސީއާއި ދެމެދު އަދިވެސް 11 ޕޮއންޓްގެ ފަރަގެއް އެބައޮތެވެ. މި މެޗުން ލިބުނު ޕޮއިންޓާއިއެކު އެވަޓަން ވަނީ ރެލިގޭޝަން ޒޯނާއި ދެ ޕޮއިންޓަށް ދުރަށް ޖެހިލާފައެވެ. އެވަޓަން މިވަގުތު އޮތީ ތާވަލުގެ 15 ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!