މެންޗެސްޓާ ސިޓީއަށް ޕްރިމިއާ ލީގު ކާމިޔާބު ކުރާނެ ގޮތް އެނގޭ ކަމަށާއި، ވުމާއެކު އޭނާ ގެނައީ އެ ޓީމުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ކަމަށް ސިޓީއަށް ކުޅެމުން އަންނަ އުމުރުން 22 އަހަރުގެ އިތުބާރު ފޯވާޑް އާލިން ބްރައުޓް ހާލަންޑް ބުނެފިއެވެ.

ރޭ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ބުރުގެ ދެވަނަ ލެގުގައި ސިޓީން ލައިޕްޒިގް ކޮޅަށް ހަތް ލަނޑު ޖަހައި ފަސޭހަކަމާއިއެކު މޮޅުވެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު، ހަތްލަނޑުގެ ތެރެއިން ފަސް ލަނޑު ޖަހާފައި ވަނީ ހާލަންޑެވެ.

Ad
rt

"ފާއިތުވި ފަސް އަހަރުގެ ތެރެއިން ހަތަރު އަހަރު ޕްރިމިއާ ލީގުގެ ޗެމްޕިއަނުންނަކީ ސިޓީ، ވީމާ ސިޓީން ޕްރިމިއާ ލީގު ކާމިޔާބު ކުރާކަށް އަހަރެން ނުގެންނާނެ، އެ މީހުންނަށް ޕްރިމިއާ ލީގު ކާމިޔާބު ކުރާނެ ގޮތް އެނގޭ"

ހާލަންޑް އިތުރަށް ބުނެފައި ވަނީ އޭނާ ސިޓީއަށް އައީ އެ ކްލަބު އިތުރަށް ކުރިއަރުވައި ފުރަތަމަ ފަހަރަށް ސިޓީއާއި އެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ކަމަށެވެ.

މިހާތަނަށް ސިޓީއަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައި ނުވިނަމަވެސް 2008 ވަނަ އަހަރު ސެއިޚް މަންސޫރު ސިޓީ ގަތްފަހުން މިއަދާ ހިސާބަށް އެ ކުލަބުން ވަނީ ޖުމްލަ 17 ތައްޓެއް ކާމިޔާބު ކޮށްފައެވެ. ޕްރިމިއާ ލީގު ވެސް ސިޓީން ވަނީ އެ މުއްދަތުގެ ތެރޭގައި ހަ ފަހަރު ކާމިޔާބު ކޮށްފައެވެ. ހަ ލީގު ތަށީގެ ތެރެއިން ހަތަރު ތަށި ކާމިޔާބު ކޮށްފައި ވަނީ 2016 ވަނަ އަހަރު ސިޓީގެ ކޯޗް ކަމަށް ހަމަޖެއްސި ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުންނެވެ.

މިހާތަނަށް ސިޓީއަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައި ނުވިނަމަވެސް އެ ޓީމުން ވަނީ 2021 ވަނަ އަހަރު ފައިނަލުގައި ކުޅެފައެވެ. އެ ފަހަރު ފައިނަލުން ބަލިވީ ޗެލްސީ އަތުންނެވެ.

ހާލަންޑް ޑޯޓްމަންޑް ދޫކޮށް ސިޓީއަށް ބަދަލުވެފައި ވަނީ މި ސީޒަން ފެށުމުގެ ކުރިންނެވެ. ބްރޫޝިއާ ޑޯޓްމަންޑަށް ހާލަންޑް ކުޅެދިން 89 މެޗުގައި އޭނާ ވަނީ 86 ލަނޑު ޖަހާފައެވެ.

ހާލަންޑް ސިޓީއަށް ބަދަލުވެ މިހާތަނަށް މި ހޭދަވީ މުއްދަތުގައި ވެސް ވަނީ ގިނަ ރެކޯޑް ތަކެއް ހަދާފައެވެ. މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ހާލަންޑް މިހާތަނަށް 10 ލަނޑު ޖަހާފައިވާއިރު މީގެ ކުރިން އެއް ސީޒަންގައި ސިޓީގެ އެހެން ކުޅުންތެރިއަކަށް ޗެމްޕިއަންސް ލީގުގައި ދިހަ ލަނޑު ޖެހިފައި ނުވެއެވެ.

ހާލަންޑް ރޭ ލައިޕްޒިގް ކޮޅަށް ޗެމްޕިއަންސް ލީގުގައި ޖެހި ފަސް ލަނޑާއިއެކު އޭނާ ވަނީ ޗެމްޕިއަންސް ލީގުގެ އެއް މެޗުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުން ވެސް ޖާގަ ހޯދާފައެވެ. މީގެ ކުރުން ޗެމްޕިއަންސް ލީގުގެ އެއް މެޗުގައި ފަސް ލަނޑު ޖަހާފައި ވަނީ ދެ ކުޅުންތެރިއެކެވެ. އެއީ މެސީއާއި ލުއިޒް އެޑްރިއާނޯއެވެ.

ސިޓީއަށް ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 25 މެޗުގައި ހާލަންޑް ވަނީ 33 ލަނޑު ޖަހާފައެވެ. މިއާއިއެކު ހާލަންޑް ވެފައިވަނީ އެންމެ މަދު މެޗުން ތިރީސް ލަނޑު ހަމަކުރި ކުޅުންތެރިޔާއަށެވެ.

ޗެމްޕިއަންސް ލީގުގައި ހާލަންޑް ޖެހި ލަނޑުގެ އަދަދު 30 އަށް އަރާފައިވާއިރު، އޭނާ ވެފައި ވަނީ އެންމެ ހަގު އުމުރުގައި ޗެމްޕިއަންސް ލީގުގައި ތިރީސް ލަނޑު ހަމަކުރި ކުޅުންތެރިޔާއަށެވެ.