މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އުމުރުން 18 އަހަރުގެ އާޖެންޓީނާ ފޯވާޑް އަލްހަންދްރޯ ގަނާޗޯއަށް އަނިޔާވެ ކުޅުމާއި ދުރުގައި މަޑުކުރަން ޖެހިއްޖެއެވެ.
އޭނާގެ ފައިގެ ކުޑަހުޅަށް އަނިޔާވެފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ސައުތެމްޓަން ބައްދަލުކޮށް ލަނޑެއް ނުޖެހި އެއްވަރުވީ މެޗުގައެވެ.
އެ މެޗުގައި އޭނާ ކުޅެން ނުކުމެފައި ވަނީ 73 ވަނަ މިނެޓުގައި ސަންޗޯގެ ބަދަލުގައެވެ. ކުޅެން ނުކުތްތާ އަށް މިނެޓް ފަހުން އޭނާއަށް އަނިޔާވީ ބޯޅަ ހިފައިގެން ސައުތެމްޓަންގެ އޭރިއާތެރެއަށް ވަންނަން މަސައްކަތް ކުރަނިކޮށް، ސައުތެމްޓަންގެ ޑިފެންޑަރ ވޯލްކާ ޕީޓާސް އެ ބޯޅަ ހުއްޓުވުމަށް ޓެކުލް ކުރުމުގެ ތެރޭގައެވެ. އެއަށްފަހު އެ މެޗުގައި ގަނާޗޯ ވަނީ ބަދަލުކޮށްފައެވެ.
މި ސީޒަންގައި ޔުނައިޓެޑްގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ގަނާޗޯ އަނިޔާއިން ސަލާމަތްވެ އަލުން ކުޅުމުގެ ތެރެއަށް އަންނަން ނަގާނެ މުއްދަތެއް ޔުނައިޓެޑުން ވެސް ހާމަކޮށްފައި ނުވެއެވެ.
ފައިގެ ކުޑަހުޅަށް އަނިޔާވެ ކުޅުމާއި ދުރަށް ދާން ޖެހުމާއި ގުޅިގެން ގަނާޗޯ ބުނެފައި ވަނީ ސީޒަންގެ މުހިންމު ހިސާބަކުން އަނިޔާވެ ޓީމަށާއި ޓީމްގެ ކުޅުންތެރިންނަށް އެހީ ނުވެވޭތީ އެކަމާއި ހިތާމަކުރާ ކަމަށެވެ.
ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގައި އާޖެންޓީނާއިން އެކުލަވާލި ޓީމުން ވެސް ގަނާޗޯއަށް ވަނީ ފުރުޞަތި ދީފައެވެ. ނަމަވެސް އަނިޔާގެ ސަބަބުން އޭނާއަށް ބައިވެރި ނުވެވޭނެ ކަން މިހާރު ވަނީ ޔަގީންވެފައެވެ.
ޔުނައިޓެޑަށް ކުރިއަށް އޮތީ މުހިންމު މެޗުތަކެކެވެ. މިގޮތުން މި ހަފްތާގެ ބުރާސްފަތި ދުވަހު ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ބުރުގެ ދެވަނަ ލެގުގައި ޔުނައިޓެޑް ރަށުން ބޭރުގައި ރެއާލް ބެޓިސްއާއި ކުޅޭނެއެވެ. އެއަށްފަހު އަންނަ އާދީއްތަ ދުވަހު އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި ފުލަމްއާއި ބައްދަލުކުރާނެއެވެ.
މި ސީޒަންގައި ޔުނައިޓެޑަށް ކުޅެދިން މެޗުތަކުގައި ގަނާޗޯ ވަނީ ހަތަރު ލަނޑު ކާމިޔާބު ކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!