ރަމަޟާން މަހުގެ އިނާޔަތް ބޮޑުކޮށްދިނުމަށް އެދި މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އެވެ.
އޭނާ ހުށަހަޅުއްވާފައިވާ މައްސަލައިގާ ވަނީ ރަމަޟާން މަހު ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ރައްޔިތުން އަތްނުފޯރާފަށަށް ކާބޯތަކެތީގެ އަގުތައް އުފުލޭ ކަމަށެވެ. އަދި އެތައް ދިވެހި ރައްޔިތުންނެއް ވަރަށް ނިކަމެތި ހާލުގައި އުޅެމުންދާ ކަމަށެވެ.
އެހެންވެ، ރަމަޟާން މަހުގެ އިނާޔަތް 3000 ރުފިޔާއަށް ވުރެ، ބޮޑުކޮށްދިނުމަށާއި ރަމަޟާން މަހުގެ އިނާޔަތް ދިނުމަށް މިހާރު އެކުލަވާލާފައިވާ ގާނޫނު (ވަޒީފާއާ ބެހޭ ގާނޫނު) އަލުން މުރާޖަޢާ ކުރުމަށް ވެސް ވަނީ އެދިލައްވާފައެވެ.
މީގެ އިތުރުން ހުރިހައި ފަންނުތަކުގެ މަސައްކަތްތެރިންނާއި މަސްވެރިންނާއި ދަނޑުވެރިން ފަދަ ސިނާއަތްތަކުގެ މަސައްކަތްތެރިންނަށްވެސް ރޯދައިގެ އިނާޔަތް ލިބޭނެ ހަމަހަމަ އުސޫލެއް ގާއިމުކޮށް އެ ހުރިހައި ފަރާތްތަކަށް އިނާޔަތް ދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށް ވެސް ޝިޔާމް ހުށަހެޅުއްވި މައްސަލައިގައި ވެއެވެ.
އޭނާ މި މައްސަލަ ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!