މޫދު ހަަރަކާތްތައް ހިންގުމުގައި ކުރިއަށް ވުރެ ބޮޑަށް ސަމާލުވާން ސަރުކާރުން ރިސޯޓުތަަކަށް އަންގައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ރިސޯޓުތަކަށް ފޮނުވި ސަރކިއުލަރއެއްގައި ވަނީ މޫދު ހަރަކާތްތަކުގެ ތެރެއިން ހާދިސާތައް ހިނގުން ފަހަކަށް އައިސް އިތުރުވެފައި ވާތީ، ފެތުމާއި ސްނޯކްލިންގ އަދި ޑައިވް ކުރުމާއި އެހެންވެސް އެ ފަދަ ހަރަކާތްތައް ހިންގާއިރު ރައްކާތެރިކަމުގެ ފިޔަަވަޅުތައް ހަރުދަނާ ކުރަން ހުރިހާ ޓޫރިސްޓް ފެސިލިޓީތަކަށް ހަނދާންކޮށްދޭ ކަމަށެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކުރުމުގެ ގޮތުން ޓޫރިސްޓުން ފުރަތަމަ އަންނަ ވަގުތު (ޗެކިން ވާއިރު) ރައްކާތެރިކަމާ ބެހޭ އާއްމު މައުލޫމާތު ދިނުމާއި މޫދު ހަރަކާތަކަށް ފެށުމުގެ ކުރިން ތަފްސީލީ މައުލޫމާތު ދިނުމަށް ވަނީ އެދިފައެވެ. އަދި މޫދުކުޅިވަރުތަކުގައި (ޓޫރިސްޓުން ގޮވައިގެން) ހަރަކާތްތެެރިވާ މުވައްޒަފުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި ރައްކާތެރިކަމަށް ސަމާލުވާން އިރުޝާދު ދިނުމަށް ވެސް އެދިފައި ވެއެވެ.
މީގެ އިތުރުން ރައްކާތެރިކަމަށްޓަކައި ކަނޑައަޅާފައި ހުންނަ އުސޫލުތަކަށް އަމަލުކުރަން މުވައްޒަފުންނަށް ހިތްވަރު ދިނުމާއި ރައްކާތެރިކަމާ ބެހޭ ތަމްރީނުތައް ގަވައިދުން ހިންގުމަށް ވެސް ރިސޯޓުތަކަށް ވަނީ އަންގާފައެވެ.
ޓޫރިޒަމް މިނިސްޓްރީން މިގޮތަށް އަންގާފައި މިވަނީ އިއްޔެއާއި މިއަދު ވެސް ފަތުރުވެރިއަކު މަރުވުމާއި ގުޅިގެންނެވެ.
އެގޮތުން އއ. ރަސްދޫ މަޑިވަރު ޑައިވިންގ ޕޮއިންޓަށް ޑައިވިންގ އަށް ގޮސް އުޅުނު ފަތުރުވެރިޔަކު އިއްޔެ ވަނީ މަރުވެފައެވެ. އޭނާގެ ހާލު ސީރިއަސްވެގެން އެ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން އިއްޔެ ވިދާޅުވިއެވެ.
އިއްޔެ މަރުވެފައިވަނީ އިނގިރޭސި ވިލާތަށް ނިސްބަތްވާ އުމުރުން 46 އަހަރުގެ މީހެކެވެ.
މީގެ އިތުރުން އއ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރުނު ފަތުރުވެރިޔަކު މިއަދު ވެސް ވަނީ ގެނބިގެން މަރުވެފައެވެ.
އޭނާ އެ އަތޮޅު ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދިޔަ މައުލޫމާތު މިއަދު ހެނދުނު 10:30 ގައި ލިބިފައިވާ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައި ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.
މިއަދު މަރުވެފައި ވަނީ ޔޫކޭ އަށް ނިސްބަތްވާ އުމުރުން 65 އަހަރުގެ ފިރިހެނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!