"ރިހި އައްސޭރި 2023" ޓޭބަލްޓޮޕް އެކްސަސައިޒް ކުރިއަށްގެންގޮސްފިއެވެ.
މިއީ ނޭޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭން (އެން.ޓީ.އާރު.ޕީ) އަށް ޢަމަލުކުރާ މިންވަރު ދެނެގަތުމުގެ ގޮތުން ރައީސް އޮފީހާއި އިނގިރޭސި ހައިކޮމިޝަން ގުޅިގެން ކުރިއަށް ގެންދިޔަ އެކްސަސައިޒެކެވެ.
މިއީ ޓެރަރިޒަމްގެ ޙާދިސާއަކަށް ސަރުކާރުގެ އިދާރާތައް ގުޅިގެން ދޭ އީޖާބަ ޓެސްޓު ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ އެކްސަސައިޒެކެވެ.
މި މާރިޗު މަހުގެ 12 އިން 13 އަށް މާލެ ސަރަހައްދުގައި ބޭއްވި މި އެކްސަސައިޒްގެ މައިގަނޑު މަޤްޞަދަކީ އެން.ޓީ.އާރު.ޕީ. ގައި އަލިއަޅުވާލާ ކުއްލި ޙާލަތްތަކުގައި އީޖާބަދޭ ސަރުކާރުގެ އިދާރާތަކުގެ މެދުގައި އޮންނަ މުވާސަލާތީ ކަންކަމާއި ވިލަރެސްކުރުން ޓެސްޓުކޮށް، މިފަދަ ޙާލަތްތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމުގެ ޤާބިލުކަން ހަރުދަނާކުރުމެވެ.
މީގެ އިތުރުން މި މަޤްސަދު ހާސިލުކުރުމަށް އިދާރާތަކަށް ބޭނުންވާނެ ތަމްރީނާއި އެކްސަސައިޒްތައް ދެނެގަނެ އިޖާބީ ޙަރަކާތްތައް އިތުރަށް ފުރިހަމަކުރުމެވެ.
އެކްސަސައިޒް "ރިހި އައްސޭރި 2023" އަކީ އެން.ޓީ.އާރު.ޕީ. އަށް ޢަމަލުކުރުމަށް ދިވެހި ސަރުކާރާއި އިނގިރޭސި ހައިކޮމިޝަން ގުޅިގެން ހިންގަމުންދާ ޙަރަކާތްތަކުގެ ތެރެއިން އެންމެފަހުގެ ޙަރަކާތެވެ.
މި އެކްސަސައިޒްގައި ސަރުކާރުގެ 11 އިދާރާއެއްގެ އޮފިޝަލުން އެއްތަންވެ މަސައްކަތްކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!