އަމީނީމަގު ތަރައްގީ ކުރަން އާރުޑީސީއާ އެކު ހެދި އެއްބަސްވުމާއި އެ މަގުގެ ކުރެހުންތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
އަމީނީމަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާއި ކުރެހުންތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގުމުން އެ މައްސަލަ އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅީ ޕްލޭނިން މިނިސްޓްރީންނެވެ.
ހައި ކޯޓުން ކުރި ހުކުމުގައިވަނީ އެ މައުލޫމާތުތައް ހޯދަން އެދުމުން އެ ހާމަ ނުކުރެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައި ވިޔަސް، އެގޮތަށް ބުނެފައިވަނީ މައުލޫމާތު ނުދެވޭނެ ގާނޫނީ ކޮން ސަބަބެއް އޮވެގެންކަން އެ މިނިސްޓްރީއަށް ބުނެދެވިފައިނުވާ ކަމަށެވެ.
އެ މައުލޫމާތު ދޭން ދެކޮޅު ހެދީ ތިން ވަނަ ފަރާތެއްގެ މަސްލަހަތު ހިމެނޭތީ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެ އެވެ.
އެކަމަކު ހުކުމުގައިވަނީ ތިން ވަނަ ފަރާތުގެ ތެރޭގައި ދައުލަތުގެ އިދާރާތައް އޭގެ ތެރޭގައި ނުހިމެނޭނެ ކަމަށް ގާނޫނުގައި ބުނެފައިވާއިރު އަދި އާރުޑީސީއަކީ ދައުލަތުގެ އިދާރާއެއް ކަމަށެވެ.
އަމީނީމަގު ހަދަން އާރުޑީސީއާ ހަވާލު ކުރުމަށްފަހު އެ މަގުގެ ފުރަތަމަ ސެގްމެންޓް މިހާރު ވަނީ ހުޅުވައިފަ އެވެ. އެ މަގުގެ ފުރަތަމަ ސެގްމެންޓްގެ ތާރު އެޅީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!