އަންނަ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަ ދުވަހު، ދުވާލު މުދާ އުފުލޭ ގަޑިތައް ޓްރާންސްޕޯޓު މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
އެ މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގައިި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި މުދާ އުފުލޭނީ ހެނދުނު 9 އިން ފެށިގެން ހަވީރު 4:30 އަށް ކަމަށެވެ.
މީގެ އިތުރުން ރޭގަނޑު 8 އިން ފެށިގެން ހެނދުނު 6 ޖަހަންދެން ހުރިހައި ބާވަތެއްގެ މުދާ، ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުގައި އުފުލޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ހަވީރު 4:30 އިން ފެށިގެން ރޭގަނޑު 8 ޖެހުމާއި ހަމައަށް އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް، އެއްވެސް ބާވަތެއްގެ އުޅަނދެއްގައި ވިޔަފާރި އުސޫލުން އުފުލުމަކީ މަނާ ކަމެއް ކަމަށެވެ.
މިއަހަރުގެ ރަމަޟާން މަހު މުދާ އުފުލާ އުޅަނދުތައް ބްރިޖަށް އެރޭނެ ވަގުތުތަކަކީ ކޮބައިކަންވެސް އެ މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.
އެގޮތުން ހެނދުނު 9 އިން ފެށިގެން ހަވީރު 4 އަށް އަދި ދަންވަރު 1 އިން ފެށިގެން ހެނދުނު 6 އަށް ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުގައި ބްރިޖު ހުރަސްކޮށް މުދާ އުފުލޭނެ ކަމަށް ބުނެއެވެ. އަދި އެ ވަގުތުތަކުގައި އުޅަނދުތަކަށް ބްރިޖަށް އެރޭނީ މާލޭ ދެކުނު ފަރާތުން ބޮޑުތަކުރުފާނު މަގުން ކަމަށް ވެސް ބުނެއެވެ.
އެ ނޫން ވަގުތުތަކުގައި ބުރިޖު މަތިން މުދާ އުފުލުމަކީ މަނާ ކަމެއް ކަމަށާއި ހެނދުނު 9 އިން ފެށިގެން ހަވީރު 4 އަށް އަދި ރޭގަނޑު 8 އިން ހެނދުނު 6 އަށް ފެނާއި ކައްކާ ގޭސް ބްރިޖު މަތިން އުފުލޭނެ ކަމަށް ވެސް ބުނެއެވެ.
އެ މިނިސްޓްރީން ބުނީ އެ ނޫން ވަގުތުުތަކުގައި ބުރިޖު މަތިން އެ ތަކެތި ނުއުފުލޭނެ ކަމަށާއި އެންގުމާ ހިލާފުވާ ނަމަ، 750 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!