މާރެސް އިންވިޓޭޝަން ކަޕް ވޮލީ މުބާރާތް ފަށައިފިއެވެ.

ބ. މާޅޮހުގައި އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށްވާ މާޅޮސް ރެކްރިއޭޝަން އެންޑް އެވްޔަރްމެންޓް ސޮސައިޓީ (މާރެސް) އިން އިންތިޒާމު ކޮށްގެން ބާއްވާ މި މުބާރާތުގައި މިއަހަރު ވަނީ 4 ޓީމަކުން ބައިވެރިވެފައެވެ.

Ad
rt

މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ ވައްކަރު، އަނަންތަރާ، ވެސްޓިން އަދި މާޅޮހުގެ ޓީމެކެވެ. މި މާރިޗު މަހުގެ 11 އިން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތް ކުޅެނީ މާޅޮހު ވޮލީ ކޯޓުގައެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ވައްކަރާއި މާޅޮހެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ވައްކަރެވެ.

މާރެސް ޖަމިއްޔާ އިން ބުނީ މުބާރާތް ރާވާފައިވަނީ ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު، އެންމެގިނަ ޕޮއިންޓު ހޯދާ ޓީމެއް ފައިނަލަށް ދާ ގޮތަށް ކަމަށެވެ. އަދި ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ދެވަނައަށް އެންމެގިނަ ގިނަ ޕޮއިންޓު ހޯދާ ދެޓީމުގެ މެދުގައި މެޗެއްކުޅެ، މޮޅުވާ ޓީމަކަށް ކަމަށެވެ.

"އަޅުގަނޑުމެން މިއަހަރު މުބާރާތް ރާވާފަ މިއޮތީ ކޮންމެ ޓީމެއްވެސް ކޮންމެ ޓީމަކާ އެއްފަހަރު ކުޅެ އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމު ފައިނަލުގެ ފުރަތަމަ ޖާގައަށް ދާ ގޮތަށް. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ދެން އެންމެގިނަ ޕޮއިންޓު ހޯދާ ދެޓީމު ކުޅެގެން މޮޅުވާ ޓީމަކަށް. މާނައަކީ ސެމީ ފައިނަލަށް ދާނީ ދެވަނައަށް އެންމެގިނަ ޕޮއިންޓު ހޯދާ ދެޓީމު." މާރެސް ޖަމިއްޔާގެ އޮފިޝަލް އަލީ ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 18 ވަނަ ދުވަހު ކަމަށެވެ.