ދިވެހި ނޫސްވެރިންގެ ޓީމެއް ތަމްރީނު ހޯދުމަށް އިންޑިއާއަށް ފުރައިފިއެވެ.
މިއީ "އިން ސާރވިސް ޓްރެއިނިންގ އޮފް އެޓިޑާރސް އެންޑް ޖާނަލިސްޓް އޮފް މޯލްޑިވްސް" ގެ ނަމުގައި އިންޑިއާގެ "އެމިޓީ ޔުނިވަރސިޓީ (ނޮއިޑާ)" އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.
8 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް އެޑިޓަރުންނާއި ނޫސްވެރިންގެ ވަފުދު އިންޑިއާ އަށް ފުރީ މިއަދުއެވެ.
މީޑިއާ ދާއިރާގައި މަސައްކަތްކުރާ އެޑިޓަރުންނާއި ނޫސްވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ޓްރެއިނިންގ ޕްރޮގްރާމްގެ ބައިވެރިން ގޮތުގައި ހަތާވީސް އޮންލައިން، ސޯސަލް، ހަފްތާ، އިހަވަންދޫ ޑޮޓް ކޮމް، އަދަދު އޮންލައިން، އާފަތިސް، އަރި އޮންލައިން އިން ވަނީ ބައިވެރިވެފައެވެ.
މީގެ އިތުރުން ވީޓީވީ، ޕަބްލިކް ސަރވިސް މީޑިއާ، މިނިވަން މީޑިއާ، އެސްއެސް ޓީވީ، ވަގުތު އޮންލައިން، އަދަދު އޮންލައިން، ހޯރަ އޮންލައިން، ރާއްޖެ ޓީވީ އަދި ހުރިހާ މީޑިއާ އިން ވެސް ބައިވެރިވެފައި ވެއެވެ.
ޖުމްލަ 20 ފަރާތެއް މި ވަފުދުގައި ހިމެނޭއިރު، މި ޕްރޮގްރާމު ކުރިއަށްދާނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި، މާރިޗު 13 އިން 20 ގެ ނިޔަލަށް އިންޑިއާގެ ނޮއިޑާގައެވެ.
މި ތަމްރީނު ޕްރޮގްރާމްގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ޖާނަލިޒަމް އެތިކްސް، މީޑިއާ ދާއިރާގެ މުހިއްމު ޤާނޫނުތައް، ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސް، ކޮންފްލިކްޓް ހާލަތްތަކުގައި ރިޕޯޓުކުރާނެ ގޮތް ހިމެނެއެވެ. އަދި ކުއްލި ހާލަތްތަކުގައި ރިޕޯޓުކުރުމުގައި ސުލޫކީ މިންގަނޑު، ސިޓިޒަން ޖާނަލިޒަމް، ވީޑިއޯ ޖާނަލިޒަމް، މޯބައިލް ރިޕޯޓިންގ ފަދަ ދާއިރާތަކުން ކިޔަވައިދޭނެއެވެ.
ހަމަމިއާއެކު ކޮމިއުނިޓީ ބްރޯޑްކާސްޓިންގ އާއި އިންވެސްޓިގޭޓިވް ޖާނަލިޒަމާއި އިންތިހާބުތަކުގައި ރިޕޯޓްކުރާނެ ގޮތްތަކުގެ އިތުރުން ޢާންމު މަޞްލަޙަތު ހިމެނޭ މުހިންމުކަންކަން ފީޗަރ ރިޕޯޓެއްގެގޮތުގައި ގެނެސްދޭނެގޮތްތަކާއި ޑިޖިޓަލް ޖާނަލިޒަމްގެ ދުނިޔޭގައި ޓްވިޓަރގެ މުހިއްމުކަން ވެސް ކިޔަވައިދޭނެއެވެ.
We would like to extend our well wishes to all the participants who embarked today on their journey to @AmityUni, Noida for the "In-service training of Editors & Journalists of Maldives", taking place from 13-20 March 2023 Wishing everyone safe & comfortable journey@HCIMaldives pic.twitter.com/ZJG0bKY76P
— Maldives Media Council (@mmc_mv) March 12, 2023
މި ޕްރޮގްރާމުގައި އޯޑިއަންސް އެންގޭޖްކޮށްގެން ޚަބަރު/ރިޕޯޓު ގެނެސްދޭނެގޮތް، މީޑިއާގެ މިނިވަންކަމުގެ ހުދޫދުތައް، ހޭޓް ސްޕީޗް، މީސް މީޑިއާގެ މުހިއްމުކަން، ފޭކް ނިއުސް އަދި ފެކްޓް ޗެކިންގ އުކުޅުތައް ވެސް އުގަންނައިދިނުމަށް ހަމަޖެހިފައި ވެއެވެ. އަދި މީޑިއާ ލިޓްރަސީގެ މުހިއްމުކަން، ޚަބަރު ފެތުރުމުގައި ޘަޤާފީ ހުރަސްތަކާއި ކްރިޓިކަލް ތިންކިންގ ކުޅޭ ދައުރާއި ނޫސްވެރިންގެ ޕްރޮފެޝަނަލް ސްކިލްސް ތަރައްޤީކުރެވޭނެ ގޮތްތަކާއި ގުޅޭ މައުލޫމާތު ސެޝަންތައް ވަނީ ހިމަނާފައެވެ.
މީގެ އިތުރުން އިންޑިއާގެ އެކި މީޑިއާ ހައުސްތަކަށާއި ސަރުކާރުގެ އެކި މުއައްސަސާތަކަށް ބައިވެރިން ޒިޔާރަތްކޮށް، އެތަންތަނުގެ އެޑިޓަރުން/ސީނިއަރ ނޫސްވެރިން/މަސްއޫލުވެރިންނާއި ބައްދަލުކޮށް މައުލޫމާތާއި ތަޖުރިބާ ހޯދުމަށް ސެޝަންތަކެއް ރޭވިފައިވެއެވެ. އަދި ޕްރެސް ކައުންސިލް އޮފް އިންޑިއާ، ޕްރަސާރް ބާރިތީ، ދޫދާޝަން ކެންދުރާ، ނޭޝަނަލް ކެޕިޓަލް ރީޖަން އަށް ބައިވެރިން ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ، ދިވެހި މީޑިއާގެ މަސައްކަތްތެރިންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންޑިއާ ސަރުކާރުގެ ދީލަތި އެހީތެރި ކަމުގެ ތެރެއިން ލިބިފައިވާ ފުރުސަތެކެވެ.
މި ޓީމުގެ ހެޑް އޮފް ޑެލިގޭޝަން ގޮތުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރު އަޙްމަދު އާޒިފް ހަރަކާތްތެރިވާއިރު، ޑެޕިއުޓީ ހެޑް އޮފް ޑެލިގޭޝަން ގޮތުގައި ހަރަކާތްތެރި ވާނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޑިރެކްޓަރ ޖެނަރަލް ޑރ. ފާޠުމަތު މުނާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!