މާލެ ސިޓީ ކައުންސިލްގެ "ފަންނުވެރިޔާ" ޕްރޮގްރާމް އިފްތިތާޙް ކޮށްފިއެވެ.
ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމަށް މާލެ ސިޓީ ކައުންސިލުން މި ޕްރޮގްރާމު އިފްތިތާހު ކޮށްފައިވަނީ ސަސްކެފޭގައި ބޭއްވި ހަފްލާއެއްގައި މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު އެވެ.
މި ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ފެށުމަށް ނިންމާފައިވަނީ އާރޓް އެންޑް ކްރާފްޓް ވޯކްޝޮޕެކެވެ. އެއްމަސް ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ވޯކްޝޮޕްގެ ފުރަތަމަ ބެޗުގައި މިހައިތަނަށް 45 ޒުވާނުން ވަނީ ބައިވެރިވެފައެވެ.
މޭޔަރ ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ އަމާޒަކީ ޒުވާނުންނަކީ ފުދުންތެރިބަޔަކަށް ހެދުން ކަމަށާއި، އެގޮތުން އާމްދަނީ އެއް ހޯދޭނެ ގޮތް ނެތިފައި ތިބި ޒުވާނުންނަށް ފުރުޞަތުތަކެއް ފަހި ކޮށްދޭން މާލެ ސިޓީ ކައުންސިލުން ބޭނުންވާ ކަމަށެވެ.
މާލެސިޓީ ކައުންސިލުން ފެސްޓިވޯ އަށް އިތުބާރުކޮށް މިފަދަ ފުރުޞަތެއް ދެއްވިކަމަށްޓަކާ ފެސްޓިވޯ އިންސްޓިޓިއުޓްގެ ޗެއާރމަން ޢަލީ އާމިރު ވިދާޅުވީ ވަރަށް ރަނގަޅު ވަރަށް އުފެއްދުންތެރި ޒުވާނުންތަކެއް މި ޕްރޮގްރާމްގެ ދަށުން މުޖްތަމަޢުއަށް ނެރެވޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.
އާމިރު ވިދާޅުވީ ފަންނުވެރިޔާ" ޕްރޮގްރާމަކީ މުސްތަޤުބަލްގައި އިންޓީރިއާ ޑިޒައިން، ގްރެފިކް ޑިޒައިން، އަދި ފެޝަން ޑިޒައިން އާއި މަލްޓިމީޑިއާގެ ޕްރޮގްރާމްތަކާއި، ފޮޓޯގްރަފީ ދާއިރާތަކުން މަތީތަޢުލީމު ޙާސިލްކުރަން ބޭނުންވާ ޒުވާނުންނަށް ވަރަށް މުހިންމު ފުރުޞަތެއް ކަމަށެވެ.
އެއްވެސް ފީ އަކާއި ނުލާ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ޕްރޮގްރާމްގައި ބައިވެރިވި ޒުވާނުން ފާހަގަކުރިގޮތުގައި މިފަދަ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަކީ ހުނަރުހުރި ޒުވާނުންގެ ހުނަރު އިތުރަށް ތަރައްޤީކޮށް ހުނަރުގެ ބޭނުން ހިފުމަށް ހުޅުވާލެވުނު ފަހި ފުރުޞަތެކެވެ.
ޒުވާނުންނަށް ހާއްސަކޮށް މާލެސިޓީ ކައުންސިލުން މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދާކަމަށްޓަކާ ވަރަށްއުފާ ކުރާކަމަށާއި، އެކަމަށްޓަކާ މޭޔަރ މުޢިއްޒު އާއި ކައުންސިލަށް، ބައިވެރިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ވަޒީފާ ނެތިފައި ތިބި ޒުވާނުންނަށް އާމްދަނީ ހޯދޭނެ މަސައްކަތެއް ދަސްކޮށްދިނުމުގެ ގޮތުން ޒުވާނުންނަށް ޚާއްޞަކޮށް ޔޫތް ޕްރޮގްރާމްއެއް ކުރިއަށް ގެންދިއުމަކީ މާލެސިޓީ ކައުންސިލްގެ މިދައުރަށް އެކުލަވާލާފައިވާ އެކްޝަންޕްލޭންގައި ހިމަނާފައިވާ ކަމެކެވެ.
އެގޮތުން "ފަންނުވެރިޔާ" ޕްރޮގްރާމް ކުރިއަށް ގެންދަން މާލެސިޓީ ކައުންސިލުން ނިންމާފައިވަނީ ކައުންސިލްގެ 70 ވަނަ ރަސްމީ ޢާއްމު ޖަލްސާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!