ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ "އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓް 2023" ގައި އުންމީދު ޓީމުން ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށް ކުރިއަށް ޖެހިލައިފިއެވެ.

މި މުބާރާތުގެ ދެވަނަ ދުވަހުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލު ކޮށްފައި ވަނީ ޓީމް ހިޔަލައާއި ރޫޙް ޓީމެވެ. މި މެޗު ސީދާ ތިންސެޓުން ކާމިޔާބު ކޮށްފައި ވަނީ ހިޔަލަ ޓީމުންނެވެ. އެ ޓީމުން ސެޓްތައް ގެންގޮސްފައި ވަނީ 25/14، 25/22، 25/16 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ހިޔަލަ ޓީމްގެ ޖޯޒީ ނަމްބަރު 9، އައިމިނަތި އަރީޝާއެވެ.

Ad
rt

މުބާރާތުގެ ދެވަނަ ދުވަހުގެ ދެވަނަ މެޗުގައި މިރޭ ބައްދަލު ކޮށްފައި ވަނީ ޓީމް އުންމީދާއި ޓީމް ރެއަރ ސްކޮޑެވެ. މި މެޗު ތިން ސެޓް އެއް ސެޓުން ކާމިޔާބު ކޮށްފައި ވަނީ އުންމީދު ޓީމުންނެވެ. މި މެޗްގެ ސެޓްތައް ގޮސްފައި ވަނީ 27/25، 25/18، 09/25، 25/23 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ އުންމީދު ޓީމްގެ ޖޯޒީ ނަމްބަރު 3، ޚަދީޖާ އަބްދުއްސަމަދެވެ.

މި މުބާރާތުގައި މާދަމާ ވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ބެއާފޫޓާއި ހިޔަލައެވެ. މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ރޫޙް އާއި ރެއަރ ސްކޮޑެވެ.

މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ޕޮއިންޓް ތާވަލުގެ ދެވަނަ ހޯދާ ޓީމާއި ތިންވަނަ ހޯދާ ޓީމްގެ މެދުގައި ކުޅޭ ސެމީ ފައިނަލު މެޗުން މޮޅުވާ ޓީމަކަށެވެ.

މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގައި ކަނބަލުންގެ މެދުގައި ވޮލީ ބޯޅައިގެ ހުނަރު އިތުރުކޮށް، ވާދަވެރި މާހައުލެއްގައި ވޮލީ ކުޅުމުގެ ފުރުޞަތު ހޯދައިދިނުމާއި، ހަނިމާދޫގެ ކަނބަލުންނަކީ އަތޮޅު ފެންވަރުގައްޔާއި ޤައުމީ ފެންވަރުގައި ބާއްވާ ވޮލީ މުބާރާތްތަކުގައި ވާދަކުރެވޭ ފެންވަރުގެ ކުޅުންތެރިންނަށް ހެދުމެވެ.

މި މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި އެސްޓީއޯ، ހަނިމާދޫ ޑަބްލިއުޑީސީ، ޗިލް ޓައިމް، ސެރޫލިއަން ވިއު ރެސިޑެންސް، ބްރޭކް ޓައިމް، ހަނިމާދޫ ކައުންސިލް އަދި ޕެންޓަގްރާމް ހިމެނެއެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ތިލަދުން" އެވެ.