ހުއްދަ ނުހޯދައި ކ. ގުޅިފަޅާއި ކ. ތިލަފުށީ ފަޅުގައި އަޅާފައި ހުރި އުޅަނދުތައް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަންގައިފިއެވެ.

އެޗްޑީސީން ބުނީ ގުޅިފަޅާއި ތިލަފުށީ ފަޅުތެރޭގެ ސަރަޙައްދުގައި އެޗްޑީސީގެ ހުއްދަނެތި ބަހައްޓާފައިވާ ކަނޑު އުޅަނދުތަކާއި އެ ނޫންވެސް ތަކެތީގެ ސަބަބުން އެ ސަރަހައްދުގައި ހިންގުމަށް ރާވާފައިވާ އެކި މަޝްރޫއުތަކަށް ދަތިވަމުންދާ ކަމަށެވެ. މިއާއެކު މިހާރު އެ ކުންފުނިން ވަނީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުފަހަރާއި ތަކެއްޗާ މެދު އަމަލުކުރާނެގޮތުގެ އުސޫލެއް އެކުލަވާލާފައެވެ.

Ad
rt

ގުޅިފަޅާއި ތިލަފުށި ފަޅުތެރޭގައި ހުރި އުޅަނދުތައް އެ ސަރަޙައްދުން ނެގުމަށް އެކި ފަހަރު މަތިން މުއްދަތުދީ، އަންގާފައިވާކަން ފާހަގަކޮށް އެޗްޑީސީން ބުނީ ނަމަވެސް އެގޮތަށް ހުރި އުޅަނދުތައް މިއަދާ ހަމައަށްވެސް ނަގާފައިނުވާކަމަށެވެ. އަދި އުޅަނދުތައް އެ ސަރަހައްދުގައި ހުރުމުން އެޗްޑީސީއަށާއި ސަރުކާރުން އެ ސަރަހައްދުގައި ހިންގަން ރާވާފައިވާ އެތައް މަޝްރޫއުތަކަށް ހުރަސް އެޅެމުން އަންނަކަމަށާއި އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ދަތިވެ ތިމާވެއްޓަށްވެސް މިކަމުގެ ސަބަބުން ވަރަށްބޮޑަށް ގެއްލުންވަމުންދާކަމަށް އެ ކުންފުނިން ބުންޏެވެ.

ގުޅިފަޅު އަދި ތިލަފުށި ފަޅު ތެރެއަށް އެއްވެސް ފަރާތަކުން އެއްވެސް އުޅަނދެއް ނުވަތަ އެއްވެސް އެއްޗެއް ދޫކޮށްލާފައިވާނަމަ އެޗްޑީސީގެ ކޯލް ސެންޓަރަށް ގުޅައި މައުލޫމާތު ސާފުކުރުމަށްފަހު އެތަކެތި ނެގުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޑީސީގެ އުސޫލުގައިވާގޮތުން ގުޅިފަޅާއި ތިލަފުށީ ފަޅުގައި ދޫކޮށްލައިފައިވާ އެއްޗެއް އޭގެ ވެރިފަރާތުން ނެގުމަށް، އެ އެއްޗެއް އޮތް ހާލަތަށް ރިއާޔަތްކޮށް، 7 ދުވަހާއި 30 ދުވަހުގެ މުއްދަތެއް ދޭނެއެވެ. އެ މުއްދަތުގެ ތެރޭގައި އެ އެއްޗެއް ނުނަގައިފިނަމަ އެ އެއްޗެއް ނައްތަލުމާއި ނީލަމުގައި ވިއްކާލުމުގެ ބާރު އެޗްޑީސީއަށް މި އުސޫލުގެ ދަށުން ލިބިގެންވެއެވެ.

މީގެ އިތުރުން ފަޅުތެރެއަށް ދޫކޮށްލާފައި އެއްޗަކީ އޭގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ އެއްޗެއް ކަމުގައި ވާނަމަ، ނުވަތަ އޭގެ ސަބަބުން ތިމާވެށްޓަށް ނޭދެވޭ އަސަރެއް ފޯރަފާނެ އެއްޗެއް ކަމުގައި ވާނަމަ، އޭގެ ސަބަބުން ކުރިމަތިވާނެ ނުރައްކަލަކުން ސަލާމަތްވުމަށް ޓަކައި އެފަދަ އެއްޗެއް އެއަށްވުރެ ނުރައްކާތެރިކަން ކުޑަ ސަރަޙައްދަކަށް ގެންދިއުމުގެ ބާރު، އެޗްޑީސީއަށް ލިބިގެންވެއެވެ.

މިގޮތަށް ގެންދާ ގެންދިއުމުގައި އެ އުޅަނދަކަށް ލިބޭ ގެއްލުމަކަށާއި އެ އުޅަނދެއް އެ ތަނުގައި ބޭއްވުމުގެ ސަބަބުން ލިބޭ ގެއްލުމަކަށް ވެސް އެ ކުންފުނިން ޒިންމާވާން ނުޖެހޭނެއެވެ.