ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ބުރުގެ ދެވަނަ ލެގުގައި ބަޔާން މިއުނިކާއި ޕީއެސްޖީ ބައްދަލުކުރި މެޗު، ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ބަޔާން ޖާގަ ހޯދައިފިއެވެ.

މި ބުރުގެ ފުރަތަމަ ލެގުގައި ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ބަޔާނުންނެވެ. ބަޔާން ވަނީ ރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއިން ޕީއެސްޖީ ބަލިކޮށް، އެގްރިގޭޓް ނަތީޖާ 3-0 އިން ކުރި ހޯދައި މުބާރާތުގެ ކުއާޓާއިން ޖާގަ ކަށަވަރު ކޮށްފައެވެ.

Ad
rt

މެޗު ފަށައިގެން ދެ ޓީމްގެ ފަރާތުން ވެސް ފެނިގެން ގޮސްފައި ވަނީ ބައިކޮޅަށް އިސްކަން ދީގެން ކުޅެމުން ދިޔަތަނެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް މާ އެދެވޭ ފުރުޞަތުތަކެއް ހޯދިފައި ނުވެއެވެ.

ފުރަތަމަ ހާފުގައި ޕީއެސްޖީގެ ވިޓީނިއާއަށް ލިބުނު ހުސް ފުރުޞަތަކީ މުޅި މެޗުގައި ވެސް ޕީއެސްޖީއަށް ލަނޑު ޖަހަން ލިބުނު އެންމެ ރަނގަޅު ފުރުޞަތެވެ. ބަޔާންގެ ކީޕަރު ސޮމާ، އޭރިއާތެރެއިން ކުޅެން މަސައްކަތްކުރި ބޯޅަ އަޝްރަފް ހަކީމީ ހޯދައި ހުހަށް އޮތް ގޯލަށް ބޯޅަ ފޮނުވާލަން ވިޓީނިއާއަށް ފުރުޞަތު ފަހިކޮށްދިންއިރު އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަދެވަދެ އޮއްވައި ޓެކުލް ކޮށް ބޯޅަ ހުއްޓުވީ ބަޔާންގެ ޑިފެންޑަރ ޑި ލީޓް އެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފު ފެށިގެން މެޗު ކޮންޓްރޯލް ކުރީ ބަޔާނުންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިތާ އަށް ވަރަކަށް މިނެޓްގެ ތެރޭ ޕީއެސްޖީގެ ގޯލު ކުރިމައްޗަށް ހުރަސްވީ ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެ ޓީމްގެ ފޯވާޑް ޗޫޕޯ މޯޓިން ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް ޗޫޕޯ މޯޓިން ބޮލުން ޖެއްސި ބޯޅައަށް އޮފްސައިޑްގައި ހުރި ތޯމަސް މުލާ މަސައްކަތް ކުރުމުން ވީއޭއާރުން ބެލުމަށް ފަހު އެ ލަނޑު ވަނީ ކެންސަލް ކޮށްފައެވެ.

ބަޔާނުން މެޗުގައި ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ 61 ވަނަ މިނެޓުގައެވެ. ޕީއެސްޖީގެ މިޑްފީލްޑަރ ވެރާޓީއަށް ހެދުނު ގޯހެއްގެ ފައިދާނަގައި ބަޔާންގެ ގޮޓްޒާކާ ތަނަވަސް ކޮށްދިން ފުރުޞަތުގައި މި ލަނޑު ޖަހައިދީފައި ވަނީ ޗޫޕޯ މޯޓިންއެވެ.

ދެވަނަ ހާފުގައި އެމްބާޕޭ ފޮނުވާލި ހަމަލާ ބަޔާންގެ ކީޕަރ ސޮމާ މަތަކުރިއިރު، ކޯނަރަކުން ތަނަވަސްވީ ފުރުޞަތުގައި ޕީއެސްޖީގެ ޑިފެންޑަރ ރާމޯސް ބޮލުން ފޮނުވާލު ހަމަލާ ވެސް ސޮމާ ވަނީ ހުއްޓުވާފައެވެ.

މެޗުގައި ބަޔާނުން ކާމިޔާބުކުރި ދެވަނަ ލަނޑު 89 ވަނަ މިނެޓުގައި އުފެއްދި ކައުންޓަ އެޓޭކެއްގައި ކެންސެލޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ސާޖް ގްނާބްރީއެވެ.

ޕީއެސްޖީއަށް މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައިނުވާއިރު، އެ ޓީމް މި ވަނީ އެންމެ ފަހުން ކުޅުނު ހަތް ސީޒަނުގެ ތެރެއިން ފަސް ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ބުރާ ހަމައިން ކަޓާފައެވެ.