ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ޖަރުމަނު ވިލާތުގެ ބަރލިންގެ މެސޭ ބަރލިންގައި މިހާރު ކުރިޔަށްދާ، ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑުފެއާ ކަމުގައިވާ، އިންޓަރނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައި.ޓި.ބީ) ބަރލިން ފެއާއަށް ޒިޔާރަތް ކުރައްވައިފިއެވެ.
މިއީ 2019 ވަނަ އަހަރަށް ފަހު، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބާލިންއަށް ގޮސް މިފެއާގައި ބައިވެރިވި ފުރަތަމަ އަހަރެވެ. އަދި މިއީ، ފާއިތުވި 3 އަހަރު ރާއްޖެއަށް ވިދިވިދިގެން 3 ފަހަރު ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް ލިބުނުފަހުންވެސް ރާއްޖެއިން އައި.ޓީ.ބީގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.
ރައީސްގެ ދެކަނބަލުން އައި.ޓީ.ބީ ފެއާއަށް މިކުރެއްވި ޒިޔާރަތުގައި، ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތް ކުރައްވައި، އެސްޓޭންޑުން ދައްކުވައިދޭ ދިވެހިންގެ މެހެމާންދާރީގެ ކަންކަމާއި، ފޯރުކޮށްދޭ ޚިދުމަތްތައް ބައްލަވާލެއްވިއެވެ.
ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތް ކުރެއްވުމުން، އެމް.އެމް.ޕީއާރްސީގެ ފަރާތުން ވަނީ، ރައީސް އަށް އެސްޓޭންޑުގެ މޮޑެލްއެއް ވެދުމަށްއަރުވާފައެވެ.
އައި.ޓީ.ބީ ބާލިންއަކީ، ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްތަނަކުން ބައްދަލުވެ، ވިޔަފާރި ކުރިއެރުވުމަށް ހުޅުވާލެވިފައިވާ ޕްލެޓްފޯމެކެވެ. މިއަހަރުގެ ފެއާގައި އެމް.އެމް.ޕީއާރްސީއާ މިނިސްޓްރީ އޮފް ޓޫރިޒަމްގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ 91 ކުންފުންޏަކުން، 233 މީހުން ވަނީ ބައިވެރިވެފައެވެ.
މިދަތުރުފުޅުގައި ރައީސް، ޖަރުމަނަށް ވަޑައިގެންނެވީ، ގަތަރުވެރިރަށް ދޯހާގައި ކުރިޔަށް ދިޔަ، އދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހުގައެވެ.
ރައީސް ޖަރުމަނަށް ކުރައްވާ މިދަތުރުފުޅުގައި އެޤައުމުގެ ރައީސް ފްރޭންކް ވޯލްޓަރ ސްޓައިންމަޔަރއާ ބައްދަލު ކުރައްވައި ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރެއްވުމުގެ މަޝްވަރާތައް ކުރިޔަށް ގެންދަވާނެއެވެ.
މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!