އަންހެނުން އިސްނަގާ ތަންތަނުން ކާމިޔާބީ ފެންނަމުންދާ ކަމަށް ހާރިޖީ ވަޒީރު ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.
ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވަމުން ޝާހިދު ވިދާޅުވީ މިއަދު، އަޅުގަނޑުމެން މިފާހަގަކުރަނީ، އަދުގެ ދުނިޔެ ބައްޓަންކުރުމުގައި އަންހެނުން އަދާކޮށްފައިވާ ދައުރާއި އެމީހުންގެ ކާމިޔާބީތައް ކަމަށެވެ. އަދި، ކޮންމެ އަންހެނަކަށްވެސް އެމީހެއްގެ އެންމެ ފުރިހަމަ ޕޮޓެންޝަލް ހާޞިލްކުރުމުގެ ފުރުޞަތު ކަށަވަރުކޮށްދިނުމަށް އަޅުގަނޑުމެން ވެފައިވާ ވަޢުދު މިއަދު އައު ކުރަން ޖެހޭ ކަމަށެވެ.
"މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ޝިޢާރަކީ "ޑިޖިޓޯލް: އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޮރ ޖެންޑަރ އީކުއާލިޓީ. ދާދި ހަލުވި ދުވެއްޔެއްގައި ބަވަނަވަމުންދާ ދުނިޔެއެއްގައި، މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށާއި އަންހެނުން ބާރުވެރިކުރުމަށްޓަކައި ޓެކޮނޮޖީގެ އެހީގައި އީޖާދީ ޚިޔާލުތަކާއި އުފެއްދުންތެރި ވިސްނުމުގެ ބޭނުންތެރިކަމުގެ މުހިއްމުކަން އަޅުގަނޑުމެން ބަލައިގަންނަންޖެހޭ." ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން އީޖާދީ ވިސްނުމަކީ ހެޔޮބަދަލުގެ ތަޅުދަނޑި ކަމަށާއި ޓެކްނޮލޮޖީގެ އާ އުފެއްދުންތައް ބަލައިގަނެ ބޭނުންކުރުމާއި އަންހެނުންގެ ހުނަރުތަކާއި އިލްމު ކުރިއެރުވުމަށް ބާރުއެޅުމަކީ މިންތީގެ ހަމަހަމަކަން ހާސިލްކުރުމަށް ކުރަންޖެހޭ ކަންކަން ކަމަށް ވެސް ވިދާޅުވިއެވެ.
މިއާއެކު އަންހެނުން ބާރުވެރިކުރުވާ ސިޔާސަތުތައް އެކަށައަޅައި ތަންފީޒުކުރުމަށް ވަކިން ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްކުރަންޖެހޭ ކަމަށާއި އެމީހުންގެ ފުރިހަމަ ޕޮޓެންޝަލް ހާޞިލްކުރުމަށް ތަފާތުކުރުމެއް ނެތި، ހަމަހަމަކަމާއި އެކު އެކަމަށް ވާސިލްވުމަށް ބޭނުންވާ ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދޭންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ރާއްޖޭގެ ލޯކަލް ކައުސިލްތަކުގެ ތިންބައިކުޅަ އެއްބައި ގޮނޑިތަކަކީ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިތަކެއް ކަމަށާއި މިފަދަ ސިޔާސަތުތަކުގެ ސަބަބުން، އެކިއެކި ފަންތީގައި ނިންމާ ނިންމުންތަކުގައި އަންހެނުންގެ ޚިޔާލުތަކާއި، ތަޖުރިބާ އަދި އިސްނެގުން ހިމެނޭކަން ކަށަވަރުކުރެވިގެންދާ ކަމަށެވެ.
ރާއްޖެއިން އެކި ޤައުމުތަކަށް ކަނޑައަޅާފައިވާ ޑިޕްލޮމެޓިކް މިޝަންތަކުގެ އިސްވެރީންގެ ފަންސާސް އިންސައްތައަކީ އަންހެން ކަނބަލުންކަން ފާހަގަކުރައްވާ ވިދާޅުވީ މިންތީގެ ހަމަހަމަކަން ޚާރިޖީ ދާއިރާއިން ހާސިލްކުރުމަށް މިފަދަ ފިޔަވަޅުތައް އެޅިފައިވާކަމީ، ރާއްޖެ ފަދަ ކުޑަ ޤައުމަކަށް ލިބޭ ޝަރަފެއް ކަމަށެވެ.
އެއްވެސް ޤައުމަކަށް އެޤައުމެއްގެ ހުރިހާ ފަންތިއަކާއި ގިންތިއެއްގައި މިންތީގެ ހަމަހަމަކަން ކަށަވަރުކުރެވިފައިވާކަމަކަށް ނުބުނެވޭނެ ކަމަށާއި ހުރިހާ ޤައުމެއްގައި ވެސް މިލަނޑުދަނޑި ޙާޞިލުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
އެހެންނަމަވެސް، ކަނޑައެޅި ހާމަވެފައިވާ ހަގީގަތަކީ އަންހެނުން އިސްނަގާ ތަންތަނުން ކާމިޔާބީ ފެންނަ ކަމަށާއި އަންހެން ލީޑަރުންގެ ސަބަބުން ދުނިޔޭގައި އަޅުގަނޑުމެންނަށް ފެންނަ ހެޔޮބަދަލު މިއަދު ފާހަގަކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!