ލޯކަލް ޓުއަރިޒަމްއަކީ ރާއްޖެއަށް ވަރަށް މުހިންމު އުފެއްދުމެއް ކަމަށާއި އޭގެ ސަބަބުން ރަށްރަށުގައި ގެސްޓް ހައުސް ހިންގާ މީހުންނާއި ރަށްރަށުގައި ހުރި ކުދިކުދި ސިނާއަތްތަކަށް ވެސް މަންފާ ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއިބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޖަރުމަންވިލާތުގެ ބާލިންގައި މިހާރު ކުރިއަށްދާ އައިޓީބީ ބަރލިން ފެއަރގައި ބައިނަލްއަޤްވާމީ މިޑިއާތައް ހުޅުވާލައިގެން ބޭއްވި ޓޯކް ޝޯވއެއްގައި ވާހަކަ ދައްކަވަމުންނެވެ.
"މޯލްޑިވްސް މީޑިއާ މީޓް"ގެ ނަމުގައި ކުރިއަށްގެންދިޔަ މި ޓޯކް ޝޯވގައި ޑރ. މައުސޫމް ވިދާޅުވީ ލޯކަލް ޓޫރިޒަމްގެ ސަބަބުން ރަށްރަށުގައި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންނަށާއި ދަނޑުވެރިންނަށް ވެސް އޭގެ ނަފާ ލިބެމުންދާ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގައި މިހާރުކުރަން އޮތް އެންމެ މުހިންމު ކަމަކީ މިދާއިރާއިން ހޯދިފައިވާ ކުރިއެރުންތަކާއި ކާމިޔާބީތައް އެގޮތުގައި ދެމެހެއްޓުމަށް ކުރަންޖެހޭ ބުރަ މަސައްކަތްކަން ވަނީ ފާހަގަ ކުރައްވާފައެވެ.
އެގޮތުން ރާއްޖެއަށް ވިދިވިދިގެ ތިން އަހަރު، ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ މަޤާމު ހޯދާފައިވާއިރު، ރާއްޖެއަކީ ދުނިޔޭގެ "ނަމްބަރ 1"ގެ ގޮތުގައި ދެމެހެއްޓުން އެއީ މުޅި އިންޑަސްޓްރީގެ އަމާޒުކަމަށް ވިދާޅުވިއެވެ.
"ރާއްޖެއިން ހޯދަމުންދާ ކާމީޔާބީގެ އެންމެ ބޮޑު ސަބަބަކީ، ޚިދުމަތްތައް ތަރައްޤީކުރުމަށް ލިބޭ ޚިޔާލުތަކަށް ޢަމަލީ ސިފަ ގެނައުމުގައި ދެމިއޮތުން. މިވަގުތުވެސް ދެ ކަމަކަށް ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރަމުން. އޭގެތެރޭގައި ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ޚިދުމަތް ބައްޓަށްކުރުމަށް ކުރަމުންދާ މަސައްކަތާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރާއްޖޭގެ ރީތިކަން ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު ފުރިހަމައަށް ލިބޭ ޤައުމަކަށް ރާއްޖެ ހެދުމުގެ މަސައްކަތް ވަނީ ފަށާފަ." ވަޒީރު ވިދާޅުވިއެވެ.
ޑރ. މައުސޫމް ވިދާޅުވީ މިކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމުގެ އިތުރުން، އެފަދަ މީހުންނަށް އެހީވުމަށް ޚާއްސަ ދާއިރާތަކުން މުވައްޒަފުން ތަމްރީންކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާކަމަށެވެ.
މި ޓޯކް ޝޯގައި މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ.އަބްދުﷲ މައުސޫމްގެ އިތުރުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ ޠައްޔިބު މުޙައްމަދާއި، ރާއްޖޭގެ ފަތުރުވެރިކަމަށް ދިގު މުއްދަތަށް ޚިދުމަތް ކުރައްވަމުންދާ ޗަމްޕާ ހުސައިން އަފީފުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ ޖީޑީޕީގެ %47އަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީއެވެ. އަދި ނުސީދާގޮތުން %80 މީގެތެރޭގައި މީގެތެރޭގައި ޙިއްސާކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!