ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް މިއަހަރު އިއްވެވި ރިޔާސީ ބަޔާނަށް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ފޮނުވި ޖަވާބު، މަޖިލީހުގެ މައިނޯރިޓީ ލީޑަރާއި މަޖިލީހުގެ އިދާރާއިން ހިއްސާކޮށްފިއެވެ.

އެމްއެންޕީން ރިޔާސީ ބަޔާނަށް ޖަވާބު ފޮނުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، އެ ގަވާއިދުގައިވާ މުއްދަތުގައި މިއަހަރުގެ ރިޔާސީ ބަޔާނަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު ޖަވާބު ދެއްވާފައި ނުވަތީ، މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕާޓީއެއްގެ ގޮތުން ރިޔާސީ ބަޔާނަށް ޖަވާބުދެއްވުމުގެ ގޮތުންނެވެ.

Ad
rt

މަޖިލީހުގެ މައިނޯރިޓީ ޕާޓީގޮތުގައި ބަލަނީ މަޖިލީހުގައި ދެވަނަ އަށް އެންމެ ގިނައިން މެންބަރުން ތަމްސީލްކުރާ ޕާޓީއެވެ. މިގޮތުން މިވަގުތު މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު، އޭދަފުށީ ދާއިރާގެ މެންބަރު އަޙަމްދު ސަލީމެވެ.

ނަމަވެސް މަޖިލީހުގެ ގަވާއިދުގައި ރިޔާސީ ބަޔާނަށް ޖަވާބު ދިނުމަށް މައިނޯރިޓީ ލީޑަރަށް ދީފައިވާ މުއްދަތުގައި ޖަވާބު ދެއްވާފައެއްނުވެއެވެ. އެހެންވެ މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕާޓީއެއްގެ ގޮތުން އެމްއެންޕީން މަޖިލީހަށް ޖަވާބު ފޮނުވީއެވެ.

މުޅި ރިޔާސީ ބަޔާނުގައި އޮތީ ވޯޓަށް މީހުން ރުއްސުމަށްޓަކައި ދޭ ހަދިޔާގެ ވާހަކަ: އެމްއެންޕީ

އެ ޖަވާބު މަޖިލީހުގެ މައިނޯރިޓީ ލީޑަރާއި ހިއްސާކުރިކަން ބަޔާންކޮށް މަޖިލީހުގެ އިދާރާއިން އެމްއެންޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު، ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބުދުﷲ ރިޔާޟަށް މިއަދު ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ ގަވާއިދުގެ ދަށުން ރިޔާސީ ބަޔާނަށް ޖަވާބު ދިނުން އޮންނަނީ މައިނޯރިޓީ ލީޑަރަށް ކަމަށްވެފައި، މައިނޯރިޓީ ލީޑަރު އެ ޖަވާބު ތައްޔާރުކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ފިޔަވައި މަޖިލީހުގައި ހިމެނޭ އެހެން ޕާޓީތަކާއި މިނިވަން މެންބަރުންގެ ޚިޔާލާއި ފިކުރު ހިމަނަން އޮންނާތީ، އެމްއެންޕީން ފޮނުވި ޖަވާބު މައިނޯރިޓީ ލީޑަރާއި ހިއްސާކޮށްފައިވާ ކަމަށެވެ.

ރިޔާސީ ބަޔާނަށް މަޖިލީހުގެ ގަވާއިދުގައި ބުނާ މުއްދަތުގައި މައިނޯރިޓީ ލީޑަރު ޖަވާބެއް ނުފޮނުއްވުމުން އެމްއެންޕީން މަޖިލީހަށް ޖަވާބު ފޮނުއްވީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވައި ދެއްވީ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ.

ރިޔާސީ ބަޔާނަށް އެމްއެންޕީން ފޮނުއްވި ޖަވާބުގައި ބުނެފައިވާ ގޮތުގައި މި އަހަރުގެ ރިޔާސީ ބަޔާނުން އެ ޕާޓީއަށް ފެނިގެން ދިޔައީ، ރައީސުލްޖުމްހޫރިއްޔާ އަށް ޤާނޫނުއަސާސީން މަތިކޮށްފައިވާ ރިޔާސީ ބަޔާން އިއްވުމުގެ ބާރާއި، ޒިންމާ، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ވަޢުދުތަކެއް ވެވަޑައިގެންނެވުމަށް ބޭނުން ކުރެއްވި ތަން ކަމަށެވެ.