ފާއިތުވި ފަސް އަހަރުގެ ފެބްރުއަރީ މަސްތަކާއި އަޅާބަލާއިރު، މިދިޔަ ފެބްރިއަރީގައި ރާއްޖެ އައި ފަތުރުވެރިން އިތުރުވެއްޖެއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރައްވާފައިވާ 'މަންތްލީ ސްޓެޓިސްޓިކް' ގައިވާ ގޮތުން މިއަހަރުގެ ފެބްރުއަރީ މަހު ވަނީ 177،915 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. މިއީ މިއަހަރުގެ ޖެނުއަރީ މަހަށްވުރެ 3.1 އިންސައްތައިގެ ކުރިއެރުމެކެވެ.
ސްޓެޓިސްޓިކް އިން ދައްކާ ގޮތުގައި އެވްރެޖު ގޮތެއްގައި ކޮންމެ ދުވަހަކުވެސް 6354 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެންމެގިނައިން އެއްދުވަހަކަށް ފަތުރުވެރިން އައި ދުވަހު 8029 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި އެންމެމަދުން އައި ދުވަހު 5318 ފަތުރުވެރިން އައި ކަމަށް ދައްކައެވެ.
އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައި ގައުމުތަކުގެ އެއްވަނައިގާ އޮތީ ރަޝިއާ އެވެ. އެގައުމުން ވަނީ 21،567 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. ދެވަނައިގައިވާ އަވަށްޓެރި އިންޑިއާ އިން އައިސްފައިވަނީ 19،497 ފަތުުރުވެރިންނެވެ. ލިސްޓުގެ ތިންވަނައިގާ ޔޫކޭ އޮތްއިރު، އެގައުމުން އައިސްފައިވަނީ 17،941 އެވެ.
މީގެ އިތުރުން އިޓަލީން 15،302 ފަތުރުވެރިން އައިއިރު، ޖަރުމަނުން 12،235 އަދި ފްރާންސުން 9586 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި އެމެރިކާ އިން 6581، ސްވިޓަލޭންޑުން 5053 އަދި ޗައިނާ އިން 4276 ފަތުރުވެރިން އައި އިރު، ޕޮލެންޑުން އައިސްފައިވަނީ 3517 މީހުންނެވެ.
2019 ވަނަ އަހަރު މުޅި ދުނިޔެއަަށް ކުރިމަތިވި، ސުނާމީގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު، އަލުން ހުޅުވައިލުމާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވެސް ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!