މ. މުލީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރަްންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ވަނީ ސައިޓަށް ގެންގޮސްފައެވެ. އަދި މިހާރު ކުރިއަށްދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތެވެ.
މި މަޝްރޫއުގެ ދަށުން، 33،888 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ހާބަ ބޭސިން ފުންކުރުމާއި، 6،254 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ނެރު ފުންކުރުމާއި، 465 މީޓަރުގެ ބޭރުތޮށި ލުމާއި، 89 މީޓަރު ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 479 މީޓަރު އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.
މީގެ އިތުރުން، 3 މީޓަރު ފުޅާމިނުގެ ބްރިޖެއް އެޅުމާއި، 2،730 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމެންޓް އެޅުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މިއީ 61.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!