ބީއެމްއެލް އެޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުގެ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހުރިހާ ކިއުއާރު ޕޭމަންޓްތަކަށްވެސް ވަން ޓައިމް ޕާސްވޯޑްސް (އޯޓީޕީ) ބޭނުންކުރަންޖެހޭ ގޮތަށް ބަދަލު ގެނެސްފިއެވެ.
ބީއެމްއެލް އިން ބުނީ އެޕް އަޕްޑޭޓް ކުރުމާއެކު، ބީއެމްއެލް މޯބައިލް ބޭންކިން އެޕް އިން ކަސްޓަމަރުންކުރާ ކޮންމެ އަދަދެއްގެ 'ސްކޭން ޓު ޕޭ' ޓްރާންސެކްޝަންތަކަށް އޯތެންޓިކޭޓާ، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ލިބޭ އޯޓީޕީ ޖަހަންޖެހޭ ގޮތަށް މިހާރު ބަދަލު ގެނެސްފައިވާ ކަމަށެވެ.
މިއީ އާންމުކޮށް ހިނގަމުން އަންނަ ސްކޭމްތަކުން ކަސްޓަމަރުން ރައްކާތެރި ކުރުމަށް ބޭންކުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން އަޅާފައިވާ ފިޔަވަޅެކެވެ.
މިގޮތުން މިދިޔަ އަހަރުގެ ޑިސެންބަރު މަހު، ބޭންކުގެ އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން ހިދުމަތް މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތްތަކަށް ބޭނުންވާ އޯޓީޕީ އޮތެންޓިކޭޓާ އެޕް މެދުވެރިކޮށް ޖެނެރޭޓްކުރެވޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ. މިއީ އީމެއިލް ކޮންޕްރަމައިޒްވެފައިވާ ހާލަތްތަކުގައިވެސް ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަމެއް ދިނުމުގެ ގޮތުން އެޅި ފިޔަވަޅެއްކަމަށް ބީއެމްއެލްއިން ބުނެއެވެ.
މީގެ އިތުރުން، ސެކިއުރިޓީ ފީޗާތައް އިތުރަށް ހަރުދަނާ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކެއް މި މާޗު މަސް ނިމުމުގެ ކުރިން ތައާރަފްކުރާނެ ކަމަށް ވެސް ބޭންކުން ވަނީ ބުނެފައެވެ.
ސްކޭމްތައް ހިންގާ ފަރާތްތަކުން އެމީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލަކުރަމުން އަންނައިރު، ހުރިހާ ފަރާތްތަކަކުންވެސް ސްކޭމް އުކުޅުތައް ދެނެގަނެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ބޭންކުން އިލްތިމާސްކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!