ބްރަދާސް ބްރަދާސް ރަނާސް (ބީބީ ރަނާސް)އިން 2023 ވަނަ އަހަރު ބޭނުންކުރާ ޖާޒީ ރަސްމީކޮށް ލޯންޗުކޮށްފިއެވެ.
މާލޭ ސިންތެޓިކް ޓްރެކްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޖާޒީ ލޯންޗުކޮށްދެއްވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓާ އަލީ ޚާލިދެވެ.
މި ރަސްމިއްޔާތުގައި އެ ކްލަބުގެ އޮފިޝަލުން ބޭނުންކުރާ 'އޮފިޝަލް ޓީޝާޓު' ވެސް ވަނީ ލޯންޗުކޮށްފައެވެ.
ބީބީ ރަނާސްގެ މީޑިއާ ކޯޑިނޭޓަރ އަފީފް އަބްދުއްސަމަދު ވިދާޅުވީ މި ޖާޒީ އެންމެފުރަތަމަ ބޭނުން ކުރުމަށް ނިންމާފައިވަނީ މި މާރިޗު މަހުގެ 11 ގައި ބޭއްވުމަށް ނިންމާފައިވާ މޯލްޑިވްސް ހާފު މެރަތަންގައި ކަމަށެވެ.
"އަޅުގަނޑުމެންގެ މި ޖާޒީ ފުރަތަމަ ބޭނުންކުރާނީ މި މަހު އޮންނަ މޯލްޑިވްސް ހާފު މެރަތަންގަ. ހަމަފަހަރެއްގަ ކުލައަށް ބަދަލު އަތުވެދާނެ. އެކަމަކު ޑިޒައިނަށް ބަދަލެއް ނާންނާނެކަން ޔަގީން." އަފީފު ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މޯލްޑިވްސް ހާފް މެރަތަންގެ އެކި ކެޓަގަރީތަކުގައި ބީބީ ރަނާސްގެ 54 ދުވުންތެރިން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
ގާތްގަޑަކަށް މީގެ ހަތްވަރަކަށް އަހަރުކުރިން ބީބީ ރަނާސް އުފައްދާފައިވަނީ ރާއްޖޭގައި ދިގުރާސްތާއަށް ދުވާ ދުވުންތެރިން އުފެއްދުމާއި ވީހާވެސް ގިނަ ބަޔަކަށް ދުވުމުގެ ފުރުސަތު ހޯދައި ދިނުމަށެވެ. ހާއްސަކޮށް އުމުރުން ދުވަސްވީ މީހުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް ކަސްރަތުގެ މުހިންމުކަން އަންގައިދީ، ހޭލުންތެރި ކުރުވުމެވެ.
ދުވުންތެރިންނަށް މައުލޫމާތު ދިނުމާއި އެފަދަ ކަންކަމުގައި ހިލޭ އެހީތެރިކަން ފޯރުކޮށްދޭ މި ކުލަބުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބާއްވާފައިވާ ބައެއް ދުވުންތަކުގައި ވެސް ވަނީ ދުވުންތެރިން ބައިވެރިވެފައެވެ.
އެގޮތުން މާލޭގައި ބޭއްވި ދުވުންތަކުގެ ތެރެއިން މަޖީދިއްޔާ ދުވުން، އޭޑީކޭ ދުވުން، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން ބޭއްވި ދުވުމާއި ޓީއެފްޖީ އިން ބޭއްވި ދުވުންތަކުގައި ވަނީ ބައިވެރިވެފައެވެ. އަދި ރާއްޖެއިން ބޭރުން އިންޑިއާ އާއި ޗިއަންގ މާއީ މެރެތަންގައި އެ ކުލަބުގެ ދުވުންތެރިން ވަނީ ދުވެފައެވެ.
ބީބީ ރަނާސް އިން މިއަހަރަށް ކަނޑައަޅާފައިވަނީ އެ ކުލަބުން ބައިވެރިވާ ކޮންމެ ދުވުމެއްގައި މަދުވެގެން 50 ދުވުންތެރިން ބައިވެރި ކުރުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!