މޫސުމީ ބަދަލުތަކުން ރާއްޖެއަށް ލިބޭ ގެއްލުމުގެ ނިސްބަތަކީ ކޮބައިކަން ދެނެގަންނަންޖެހޭ ކަމަށް ތިމާވެއްޓާއި ބެހޭ ވަޒީރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
"ސީ-ބިޓް މޯލްޑިވްސް ޕްރޮޖެކްޓް" ވޯކްޝޮޕް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މޫސުމީ ބަދަލުތަކުން ގެއްލުން ވަނީ ހަމައެކަނި ތިމާވެއްޓަކަށް ނޫން ކަމަށެވެ.
އެކަމުގެ ސަބަބުން އިގްތިސާދަށް ވެސް އަސަރުކުރާކަން ފާހަގަކުރައްވާ ވިދާޅުވީ އެގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތަށް ވެސް މިކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަކަމަށެވެ.
އެކަމަނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އާއްމުކޮށް މިދައްކަނީ ރަށްގިރުމުގެ ވާހަކައޭ ހީވެދާނެ ކަމަށާއި އެހެން ނަމަވެސް ވިއްސާރަވެ، މޫސުން ގޯސްވުމުގެ ސަބަބުން މަސްވެރިން މަހަށް ފުރާ ދުވަސް މަދުވެ، އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވެސް ގެއްލުން ލިބޭ ކަމަށެވެ. އަދި ރައްރަށުގެ ދިރިއުޅުމަށާއި އެހެނިހެން ކަންކަމަށް ކުރާ އަސަރު އަޅުގަނޑުމެންނަށް އެނގެން ޖެހޭ ކަމަށެވެ.
"ދަނޑުވެރިންގެ ދަނޑު ބިންތައް ހަލާކުވެ ދިޔުމުން އެލިބޭ ގެއްލުންތައް ވެސް އަޅުގަނޑުމެން އެބަޖެހޭ މިނެކިރާފަ، މީއޭ މިލިބޭ ގެއްލުމަކީ ބުނެދެވެން" ޝައުނާ ވިދާޅުވިއެވެ.
މީގެ އިތުރުން ކުރިއަތް 10 ވަރަކަށް އަހަރުތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރު އެތައް ގުނައެއް އިތުރުވާނެކަމަށް ދިރާސާތައް ކުރައްވާ ބޭފުޅުން ވިދާޅުވާކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން އަޅުގަނޑުމެންގެ ރާއްޖޭގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރެވޭ މަސައްކަތްތައް އެންމެ ރަނގަޅުގޮތުގައި ދެނެގަތުމަކީ މިވަގުތު ގައުމީ ފެންވަރުގައި ކުރަން ޖެހިފައި އޮތް ބޮޑު މަސައްކަތެއްކަމަށް ވެސް ވިދާޅުވިއެވެ.
މިފަދަ މަސައްކަތް ކުރުމުގައި ދިމާވާ އެންމެ ބޮޑުއެއް ދައްޗަކީ މައުލޫމާތުތައް އެކި މުއައްސަސާތަކުގައި ހިފެހެއްޓިފައި އޮތުންކަން ފާހަގަކުރައްވާ ވިދާޅުވީ އެ މައުލޫމާތުތައް އެއް މުއައްސަސާއިން އަނެއް މުއައްސާއާ ހިއްސާކުރެވި، ގައުމީ ފެންވަރުގައި މި މައޫލޫމާތުތަކުގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް އެކަށައަޅަންޖެހޭ ކަމަށެވެ.
"ސީ-ބިޓް މޯލްޑިވްސް ޕްރޮޖެކްޓް" ވޯކްޝޮޕް ޕްރޮޖެކްޓަކީ މިނިސްޓަރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓަލް ޕްރޮގްރާމް (ޔޫ.އެން. އެންވަޔަރަންމަންޓް) އާއި ގުޅިގެން ގްލޯބަލް އެންވަޔަރަންމަން ފެސިލިޓީ (ޖެފް)ގެ އެހީގައި ހިންގާ ޕްރޮޖެކްޓެކެވެ.
މި ވޯކްސޮޕް ޕްރޮޖެކްޓް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ މިނިސްޓްރީތަކާއި، ކުންފުނިތަކާއި، އެހެނިހެން އިދާރާގެ އިތުރުން ތިމާވެއްޓާއި ގުޅޭ މަސައްކަތްތައްކުރާ އަމިއްލަ ޖަމިއްޔާތަކާއި ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!