އިޓާލިއަން ލީގުގައި ޔުވެންޓަސްއާއި ރޯމާ ބައްދަލުކުރި މެޗު ރޯމާއިން ކާމިޔާބު ކޮށްފިއެވެ. ރޭ ރޯމާގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ޔުވެންޓަސްގެ މައްޗަށް ކުރި ހޯދާފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، މި ހާފުގައި އެންމެ ނުރައްކާތެރި ހަމަލާއެއް އުފެއްދީ ޔުވެންޓަސް އިންނެވެ. މެޗުގެ 44 ވަނަ މިނެޓުގައި ރޯމާގެ އޭރިއާތެރެއުން ޔުވެންޓަސްގެ މިޑްފީލްޑަރ ރެބިއުޓް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ކްރިސްޓެންޓޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ރޯމާއަށް ކާމިޔާބު ކޮށްދީފައި ވަނީ މަންޗިނީއެވެ. މި ހާފުގައި ޔުވެންޓަސްގެ ކުއަޑާޑޯ ފޮނުވާލި ހަމަލާއެއް ވެސް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ. މީގެ އިތުރުން 82 ވަނަ މިނެޓުގައި ޔުވެންޓަސްގެ ފޯވާޑް ވަލްހޮވިޗް ފޮނުވާލި ހަމަލާ ވެސް އަމާޒުވެފައި ވަނީ ގޯލުގެ ދަނޑިއަށެވެ.
ޔުވެންޓަސް އިން މެޗު ނިންމާލީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. މެޗުގެ ފަހު މިނެޓްގައި އެ ޓީމްގެ ކުއަޑާޑޯގެ ބަދަލުގައި ކުޅެން ނުކުތް މޮއިސް ކީން އަށް ވަނީ އޭނާ ކުޅެން ނުކުތްތާ 40 ސިކުންތު ތެރޭ ރަތްކާޑު ދައްކާފައެވެ. އޭނާއަށް މި ރަތްކާޑު ދައްކާފައި ވަނީ ރޯމާގެ މަންޗީނީއަށް ކުރި ފައުލަކާއި ގުޅިގެންނެވެ.
އިޓާލިއަން ލީގުގެ އެއްވަނާގައި ނަޕޯލީން 15 ޕޮއިންޓްގެ ލީޑެއް ނަގައި ހަޖަމެހިލާފައި އޮތް ނަމަވެސް، ގަދަ ހަތަރެއްގެ ރޭހުގައި ޓީމުތައް ފެންނަނީ ވަރަށް ވާދަވެރި ކޮށެވެ. މިގޮތުން ކުޅުނު 25 މެޗުން 50 ޕޮއިންޓް ހޯދައިގެން އިންޓަ ދެވަނާގައި އޮތްއިރު، ކުޅުނު 25 މެޗުން ލިބުނު 48 ޕޮއިންޓާއިއެކު ތިންވަނާގައި އޮތީ ލާޒިއޯއެވެ. ހަތަރު ވަނާގައި އޮތް ރޯމާއަށް 25 މެޗުން ލިބިފައި ވަނީ 47 ޕޮއިންޓެވެ. އަދި ފަސްވަނާގައި އޮތް މިލާނަށް ވެސް ވަނީ 25 މެޗުން 47 ޕޮއިންޓް ލިބިފައެވެ. ރޭ ރޯމާ އަތުން ބަލިވި ޔުވެންޓަސް މިވަގުތު އޮތީ ތާވަލުގެ ހަތް ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!