އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލް ކުރަން ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ބުނެ އިޖްރާއީ މައްސަލައެއް ނެގުމުން, ޕްރައިމަރީގެ ނަތީޖާއަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރުމާ މެދު ގޮތެއް ނިންމުން ސިވިލް ކޯޓުން ފަސްކޮށްފި އެވެ.

މިދިޔަ ޖެނުއަރީ މަހު ބޭއްވި ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވާދަ ކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޕްރައިމަރީ ކާމިޔާބު ކުރައްވާފައި ވަނިކޮށް އެ ޕްރައިމަރީގެ ނަތީޖާ ބާތިލްކުރަން ހުށަހެޅީ އަލީ އަމްޖަދު ކިޔާ މީހެކެވެ.

Ad
rt

ޕްރައިމަރީގެ ނަތީޖާއަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް އެ މައްސަލާގައި އެދިފައިވާތީ ސިވިލް ކޯޓުގައި މިއަދު ތާވަލްކުރީ ވަގުތީ އަމުރާ މެދު ވާހަކަ ދެއްކުމައި ގޮތެއް ނިންމުމުވެ.

އެހެން ނަމަވެސް އެމްޑީޕީން ވަނީ އެ މައްސަލަ މިހާރު އޮތް ގޮތަށް ނުބެލޭނެ ކަމަށް ބުނެ އިޖްރާއީ ނުކުތާއެއް ހުށަހަޅައިފަ އެވެ.

އެކަމަށް ޖަވާބުދާރީވާން 10 ދުވަހުގެ ފުރުސަތެއް ކޯޓުން މިއަދު ވަނީ އަމްޖަދަށް ދީފަ އެވެ.

ބޮޑު އަޣުލަބިއްޔަތަކުން ރައީސް އެ ޕްރައިމަރީ ކާމިޔާބު ކުރެއްވިޔަސް، ނަޝީދުގެ ފަރާތްޕުޅުން ވަނީ ޕްރައިމަރީގެ ސައްހަކަމާ މެދު ސުވާލު އުފައްދައިފަ އެވެ.