އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ބޯންމައުތު ބައްދަލުކުރި މެޗު އާސެނަލުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލީޑު ދަމަހައްޓައިފިއެވެ.

ރޭ އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ ބޯންމައުތުން ދެ ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ.

Ad
rt

މި މެޗަށް އާސެނަލް ނުކުތްއިރު ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތް މެންޗެސްޓާ ސިޓީން ވަނީ 2-0 ގެ ނަތީޖާއިން ނިއުކާސަލް ބަލިކޮށް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފައެވެ. އެ މެޗުގައި ސިޓީއަށް ލަނޑުތައް ޖަހައި ދީފައި ވަނީ ފިލް ފޮޑެންއާއި ބާނާޑޯ ސިލްވާއެވެ.

ރޭ އާސެނަލާއި ބޯންމައުތު ބައްދަލުކުރި މެޗުގެ ވަރަށް ކުރީކޮޅު ލަނޑުޖަހައި ބޯންމައުތުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ފުރަތަމަ މިނެޓްގައި ބޯންމައުތަށް ކާމިޔާބު ކޮށްދީފައި ވަނީ ފިލިޕް ބިލިންގ އެވެ. އާސެނަލުން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުން އަންނަނިކޮށް ބޯންމައުތުން ވަނީ 57 ވަނަ މިނެޓުގައި އެ ޓީމްގެ ދެވަނަ ލަނޑުޖަހައި އާސެނަލް ޕްރެޝަރަށް ވައްޓާލާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މާކޮސް ސެނެސީއެވެ.

ދެ ލަނޑުން ފަހަތަށް ވެއްޓުމާއިއެކު އާސެނަލުން ވަނީ އެ ޓީމް ވަރަށް ބޮޑަށް ކުރިއަށް ޖައްސައި ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ. މިގޮތުން އާސެނަލަށް ފުރަތަމަ ލަނޑު ކާމިޔާބު ކުރެވިފައި ވަނީ 62 ވަނަ މިނެޓުގައެވެ. މި ލަނޑު ސްމިތު ރޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ތޯމަސް ޕާޓޭއެވެ. އޭގެ އަށް މިނެޓް ފަހުން ރީސް ނެލްސަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ބެން ވައިޓް ލަނޑުޖަހައި އާސެނަލަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

އާސެނަލް މެޗުން މޮޅުވެފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ހަ މިނެޓްގެ ވެސް ފަހު ވަގުތު އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއިން ރީސް ނެލްސަން ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މި މޮޅާއިއެކު އާސެނަލްއަށް ވަނީ ކުޅުނު 26 މެޗުން 63 ޕޮއިންޓް ލިބިފައެވެ. ދެވަނާގައި އޮތް ސިޓީއާއި އާސެނަލާއި ދެމެދު ފަސް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ސިޓީއަށް ކުޅުނު 26 މެޗުން ލިބިފައި ވަނީ 58 ޕޮއިންޓެވެ.

ރޭ ޕްރިމިއާ ލީގުގައި ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއިން ލީޑްސް ބަލިކޮށް ޗެލްސީން ވަނީ މުހިންމު މޮޅެއް ހޯދާފައެވެ. ޗެލްސީ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 10 ވަނާގައެވެ. އެ ޓީމަށް ކުޅުނު 25 މެޗުން ލިބިފައި ވަނީ 34 ޕޮއިންޓެވެ.

ރޭ ވުލްވްސް އިން ވަނީ އަމިއްލަ ދަނޑުގައި ޓޮޓެންހަމް ބަލިކޮށްފައެވެ. ޓޮޓެންހަމާއި ވުލްވްސް ބައްދަލުކުރި މެޗު ވުލްވްސް އިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުން ބަލިވި ނަމަވެސް ޓޮޓެންހަމް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ހަތަރު ވަނާގައެވެ. އެ ޓީމަށް 26 މެޗުން ލިބިފައި ވަނީ 45 ޕޮއިންޓެވެ. ވުލްވްސް އޮތީ 26 މެޗުން ލިބުނު 27 ޕޮއިންޓާއިއެކު ތާވަލުގެ 13 ވަނާގައެވެ.