އިޓާލިއަން ލީގުގައި ރޭ ނަޕޯލީއާއި ލާޒިއޯ ބައްދަލުކުރި މެޗު ލާޒިއޯއިން ކާމިޔާބު ކޮށްފިއެވެ.
ނަޕޯލީގެ ދަނޑުގައި ކުޅުނު މި މެޗު ލާޒިއޯއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މިއީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނަޕޯލީ، ލީގުގައި ބަލިވި ދެވަނަ މެޗެވެ. ރޭގެ މެޗަކީ ނަޕޯލީ މި ސީޒަންގެ ލީގުގައި އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމް އެންމެ ފަހުން އަމިއްލަ ދަނޑުގައި ލީގު މެޗެއްގައި ބަލިވެފައި ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 10 ވަނަ ދުވަހުއެވެ.
މި މެޗުގެ ކުރިން ނަޕޯލީން ކުޅުނު ފަސް މެޗުގައި ވެސް އެ ޓީމް ކޮޅަށް ލަނޑެއް ވަދެފައި ނުވެއެވެ. މި މެޗުން މޮޅުވުމާއިއެކު ލާޒިއޯ ވަނީ ޕޮއިންޓް ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. އެ ޓީމަށް 25 މެޗުން 48 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނާގައި އޮތް ނަޕޯލީއަށް ވަނީ 25 މެޗުން 65 ޕޮއިންޓް ލިބިފައެވެ. މި މެޗުން ބަލިވި ނަމަވެސް ނަޕޯލީ ތާވަލުގެ އެއްވަނާގައި އޮތީ 17 ޕޮއިންޓްގެ ލީޑަކާއި އެކުއެވެ.
ޕޮއިންޓް ތާވަލުގެ ތިންވަނަ އަދި ހަތަރުވަނާގައި އޮތް އިންޓަ މިލާނަށާއި އޭސީ މިލާނަށް 24 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު، މިރޭ މިލާނާއި ފިއޮރެންޓީނާ ބައްދަލުކުރާ މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނާގައި މިވަގުތު އޮތް ލާޒިއޯއަށް ވުރެ ކުރިއަށް ޖެހިލުމުގެ ފުރުޞަތު އެ ޓީމަށް އެބައޮތެވެ. އާދީއްތަ ދުވަހުގެ ރޭ އިންޓަ މިލާން ނުކުންނާނީ ލީސްއާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބުކޮށްގެން ލާޒިއޯއަށް ވުރެ ކުރިއަށް ޖެހިލުމުގެ ފުރުޞަތު އިންޓައަށް ވެސް އެބައޮތެވެ.
ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 67 ވަނަ މިނެޓުގައި ލާޒިއޯއަށް ކާމިޔާބު ކޮށްދީފައި ވަނީ މެތިއަސް ވެސެއިނޯއެވެ. މިއީ ނަޕޯލީގެ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން އޭނާ ކާމިޔާބު ކޮށްފައިވާ ލަނޑެކެވެ.
މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ނަޕޯލީގެ އިތުބާރު ފޯވާޑް އޮޝީމެންއަށް ލިބުނު ފުރުޞަތުގައި އޭނާ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ލާޒިއޯއިން މެޗުގެ އިތުރު ވަގުތުގައި ލީޑު ފުޅާކުރުމާއި ދާދި ގާތަށް ޖެހިލިއެވެ. ނަޕޯލީގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އެ ޓީމްގެ މިލިންކޮވިޗް ސަވިޗް ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ނަޕޯލީގެ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!