ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ބުރުގައި ޕީއެސްޖީއާއި ބަޔާން މިއުނިކް ބައްދަލުކުރާ ދެވަނަ ލެގުގައި މެޗުގައި، އަނިޔާގެ ސަބަބުން ޕީއެސްޖީގެ ތަރި ނޭމާއަށް ނުކުޅެވޭނެ ކަމުގައި އެ ޓީމްގެ ކޯޗް ގަލްޓިއާ ބުނެފިއެވެ.
ނޭމާގެ ކަކުލަށް އަނިޔާވެފައި ވަނީ މާޗް މަހުގެ 19 ވަނަ ދުވަހު ފްރާންސް ލީގުގައި ޕީއެސްޖީއާއި ލިލް ބައްދަލުކުރި މެޗުގައެވެ. އެ މެޗު ޕީއެސްޖީން 4-3 ގެ ނަތީޖާއިން ކާމިޔާބުކުރި ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު ކަކުލަށް ލިބުނު އަނިޔާއާއި ގުޅިގެން ނޭމާ ވަނީ އަށިގަނޑުގައި ބާލާފައެވެ.
އެއަށްފަހު ޕީއެސްޖީން މާސޭއާއި ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ނޭމާ ނުކުޅެއެވެ. މީގެ އިތުރުން މާދަމާ ރޭ ފްރާންސް ލީގުގައި ނަންޓްސް އާދި ދެކޮޅަށް ކުޅޭ މެޗުގައި ވެސް ނޭމާއަށް ނުކުޅެވޭނެއެވެ. އަނިޔާގެ ސަބަބުން މާދަމާރޭ މެޗުގައި އެ ޓީމްގެ ޕޯޗުގަލް މިޑްފީލްޑަރ ރެނާޓޯ ސަންޗޭޒްއާއި ޑިފެންޑަރ ކިމްޕެމްބޭ އަށް ވެސް ނުކުޅެވޭނެއެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ބުރުގެ ފުރަތަމަ ލެގުގައި ޕީއެސްޖީގެ ދަނޑުގައި އެ ޓީމް ވަނީ ބަޔާން އަތުން 1-0 ގެ ނަތީޖާއިން ބަލިވެފައެވެ. މި ހަފްތާ ބުދަ ދުވަހުގެ ރޭ ބަޔާން ދަނޑުގައި ދެވަނަ ލެގުގެ މެޗަށް ޕީއެސްޖީ ނުކުންނައިރު މުބާރާތުގެ ކުއާޓާއަށް ދާން އެ މެޗު ކާމިޔާބުކުރުން ނޫން ގޮތެއް ނޯންނާނެއެވެ. ނަމަވެސް ނޭމާއަށް އެ މެޗުގައި ނުކުޅެވުމަކީ އެ ޓީމަށް ކުރިމަތިވާނެ މައްސަލައަކަށް ވާނެއެވެ.
ބަޔާން ދަނޑުގައި ޕީއެސްޖީއާއި ބަޔާން ބައްދަލުކުރާ މެޗު ފަށާނީ އަންނަ ބުދަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 01:00 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!