ޕްރިމިއާ ލީގުގެ ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ އަށް އަހަރު ލިވަޕޫލަށް ކުޅުމަށް ފަހު އެ ޓީމް ދޫކޮށްލުމަށް ނިންމައިފިއެވެ.

ފިރްމީނޯ ލިވަޕޫލަށް ބަދަލުވެފައި ވަނީ 2015 ވަނަ އަހަރުގެ ޖޫން މަހު ޖަރުމަނު ލީގުގެ ހޮފެއިންހެމުންނެވެ. ފިރްމީނޯ ލިވަޕޫލާއިއެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ.

Ad
rt

އުމުރުން 31 އަހަރުގެ ފޯވާޑް މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާއިރު ކޯޗް ޔާގެން ކްލޮޕް މިކަމާއި ގުޅިގެން ބުނެފައި ވަނީ ފިރްމީނޯ އެ ކުލަބުގައި މަޑުކުރަން އޭނާ(ކްލޮޕް) ބޭނުންވާ ކަމަށާއި، އޭނާއާއިއެކު ހަދާފައިވާ އެއްބަސްވުން އައުކުރަން ކްލަބުން ބޭނުންވީ ނަމަވެސް ފިރްމީނޯ ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.

ފާއިތުވި އަށް އަހަރުތެރޭ ލިވަޕޫލް ހޯދި ކާމިޔާބީ ތަކުގައި ފިރްމީނޯ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. މިގޮތުން ޕްރިމިއާ ލީގު 30 އަހަރަށް ފަހު 2019/20 ސީޒަންގައި ލިވަޕޫލުން ކާމިޔާބުކުރި އިރު އެ ޓީމްގެ އެޓޭކުގައި ފިރްމީނޯ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެ އަހަރުތަކުގައި ލިވަޕޫލް އެޓޭކްގައި ސަޑިއޯ މާނޭއާއި މުޙައްމަދު ސަލާހްއާއި އެކު ފިރްމީނޯ ވަނީ މޮޅު ކުޅުމެއް ދައްކައި ލިވަޕޫލަށް ގިނަ މުބާރާތްތަކެއް ކާމިޔާބު ކޮށްދީފައެވެ.

މިގޮތުން ފިރްމީނޯ ވަނީ ލިވަޕޫލާއިއެކު ޕްރިމިއާ ލީގުގެ އިތުރުން ޗެމްޕިއަންސް ލީގު، އެފްއޭ ކަޕް، ލީގު ކަޕް އަދި ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފައެވެ.

ފިރްމީނޯއަށް ފަހަކަށް އައިސް ދިމާވި އަނިޔާގެ މައްސަލަތަކާއި ގުޅިގެން ލިވަޕޫލްގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުން ވެފައި ވަނީ އުނދަގޫ ކަމަކަށެވެ. މީގެ އިތުރުން ފާއިތުވި އަހަރުތަކުގައި ލިވަޕޫލުން ވަނީ އެޓޭކިން ކުޅުންތެރިންތަކެއް އެޓީމަށް ގެނެސްފައެވެ. އޭގެތެރޭގައި ޑިއެގޯ ޖޮޓާ، ޑާވިން ނުނޭޒް، ލުއިސް ޑިއާޒް އަދި ކޯޑީ ގަކްޕޯ ހިމެނެއެވެ. މިއީ ވެސް ފިރްމީނޯއަށް ލިވަޕޫލްގެ ފުރަތަމަ އެގާރައިން ޖާގަ ހޯދަން ކުރިމަތިވީ ގޮންޖެހުމެކެވެ.

ފިރްމީނޯ ވަނީ މިހާތަނަށް ލިވަޕޫލަށް 353 މެޗު ކުޅެދީ 107 ލަނޑު ޖަހައި، 70 އެސިސްޓް ކޮށްދީފައެވެ. މި ސީޒަންގައި ހުރިހާ މުބާރާތެއް ހިމެނޭހެން ފިރްމީނޯ ލިވަޕޫލަށް ކުޅެދީފައި ވަނީ 26 މެޗެވެ. އެ މެޗުތަކުގައި އޭނާ ވަނީ ނުވަ ލަނޑު ޖަހާފައެވެ.