ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބާސެލޯނާއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު ބާސެލޯނާއިން ކާމިޔާބުކޮށްފިއެވެ.

ރޭ ރެއާލްގެ ދަނޑުގައި ކުޅުނު އެލް ކްލެސިކޯ މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.

Ad
rt

މި މެޗަށް ނުކުތުމުގެ ކުރިން ބާސާ އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވެފައިވުމާއި، އެ ޓީމްގެ ފުރަތަމަ އެގާރާގައި އާންމުކޮށް ހިމެނޭ ލެވްނަޑޯސްކީއާއި އުސްމާން ޑެމްބެލޭގެ އިތުރުން ޕެޑްރީ އަނިޔާގައި ހުރުމާއިއެކު ބާސާ އޮތީ އެންމެ ރަނގަޅު ހާލަތެއްގައި ނޫނެވެ. ނަމަވެސް މުހިންމު ކުޅުންތެރިންތަކެއް ނުލައި ރެއާލް ދަނޑުގައި ރެއާލް ބަލިކުރެވުމަކީ ކޯޗް ޒަވީއަށް ބޮޑު ހިތްހަމަ ޖެހުމަކަށް ވާނެއެވެ.

މުޅި މެޗު ކޮންޓްރޯލް ކޮށްގެން ރެއާލުން ކުޅުނު ނަމަވެސް ދެ ޓީމުންކުރެ އެއް ޓީމަކަށް ވެސް މި މެޗުގައި ލަނޑު ޖަހާނެ މާ ގިނަ ފުރުޞަތުތަކެއް ހޯދިފައި ނުވެއެވެ. ހާއްސަކޮށް މުޅި މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި ބާސާގެ ޑިފެންސް ތެރެއިން ލަނޑު ޖަހާނެ ފުރުޞަތު ތަނަވަސް ކުރުމުގައި ރެއާލަށް ކާމިޔާބެއް ނުހޯދުނެވެ.

މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި ރެއާލް މިޑްފީލްޑަރ މޮޑްރިޗަށް ލަނޑުޖަހާނެ ހަނި ފުރުޞަތެއް ލިބުނު ނަމަވެސް އޭނާފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.

ފުރަތަމަ ހާފުގައި ރެއާލްގެ ވިނީސިއަސް ބާސާގެ އޭރިއާތެރެއަށް ހުރަސްކުރި ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ބެންޒެމާ ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު ބެންޒެމާ އޮފްސައިޑް ވުމާއި ގުޅިގެން ލަނޑު ވަނީ ކެންސަލް ކޮށްފައެވެ.

މެޗުގެ 26 ވަނަ މިނެޓުގައި ބާސާއިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ރެއާލްގެ ކަމަވިންގާއަށް ހެދުނު ގޯހަކުން ލިބުނު ބޯޅަ ހިފައިގެން ފެރާން ޓޯރޭސް ވަދެ އެ ޓީމްގެ ކެސިއޭ އަށް ހުސްކޮށްލާފައި ދިންބޯޅަ އޭނާ ފޮނުވާލިއިރު އެ ބޯޅަ ރެއާލްގެ ކީޕަރުގެ ފައިގައި ޖެހިފައި ނުކުތްވަގުތު އެ ބޯޅަ ވަނީ ރެއާލްގެ ޑިފެންޑަރ މިލިޓާއޯގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަދެފައެވެ. ފުރަތަމަ އެ ލަނޑު ވެސް އޮފްސައިޑް ކަމަށް ލައިންސްމަން ނިންމި ނަމަވެސް ވީއޭއާރުން ބެލުމުން ކެސިއޭ އޮފްސައިޑް ނުވާތީ ލަނޑު ވަނީ ބަލައިގަނެފައެވެ.

މެޗުގެ ދެވަނަ ހާފުގައި ލީޑު ފުޅާކުރަން ރަނގަޅު ފުރުޞަތެއް ކެސިއޭއަށް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނުމަށް ހުރަހަކަށް ވީ އެ ޓީމްގެ ފޯވާޑް އަންސޫ ފާޓީއެވެ. ބޯޅަ ބްލޮކް ވީ ގޯލު މެދުގައި ހުރި ފާޓީގެ ފައިގައި ޖެހިފައެވެ.

މި ދެ ޓީމް ވާދަކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އޭޕްރިލް މަހުގެ ފަސްވަނަ ދުވަހު ބާސާގެ ދަނޑުގައެވެ. އެ މެޗު އެއްވަރު ކޮށްލައިގެން ވެސް ބާސާއަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދޭނެއެވެ.