ސްޓެލްކޯ އާއި ޕޮލިޓެކްނިކް ގުޅިގެން މަސައްކަތްތެރި ކަމުގެ ދާއިރާތަކަށް މީހުން ބިނާ ކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު ހެނދުނު ސްޓެލްކޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިވެސްކޮށްފައެވެ.
އެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްއެވެ. އަދި ޕޮލިޓެކްނިކްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ މުހައްމަދު ހާޝިމެވެ.

Ad
rt

މި އެއްބަސްވުމުގެ ދަށުން ސްޓެލްކޯގައި ހިންގާ ތަފާތު ފަންނީ އަދި މަސައްކަތްތެރި ކަމުގެ ދާއިރާތަކުން މީހުން ތަމްރީނުކުރުމާއި ޕޮލިޓެކްނިކުން ކިޔަވާ ކުދިންނަށް ބޭނުންވާ އިންޑަސްޓްރިއަލް އަމަލީ ތަޖުރީބާ ސްޓެލްކޯ މެދުވެރިކޮށް ހޯދައި ދޭނެއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ހާޝިމް ވިދާޅުވީ މިއީ މުހިންމު އެއްބަސްވުމެއް ކަމަށާއި ވަޒީފާ ދޭ ފަރާތްތަކާއެކު ނުލައި ޕޮލިޓެކްނިކް އެކަނި ކުރިއަށް ނުދެވޭނެ ކަމަށެވެ. އަދި ޕޮލިޓިކްނެކް އިތުރަށް ކުރިއެރުވޭނީ ސަރުކާރުގެ ކުންފުނިތަކުގެ އެހީތެރިކަން ލިބިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ހާޝިމް ވިދާޅުވިގޮތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން މިހާރު އެންމެ ގިނައިން ރިކުއެސްޓްތައް ލިބެނީ އިލެކްޓްރިކަލް އިންސްޓޮލޭޝަންގެ ދާއިރާއިންނެވެ. އަދި ވަސީލަތްތައް ހުރި މިންވަރަކުން އެފަދަ ރިކުއެސްޓްތަކަށް އިސްކަންދެމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވީ ޕޮލިޓެކްނިކާއެކު ވި އެއްބަސްވުމަކީ ވަރަށް ތާރީހީ އަދި މުހިންމު އެއްބަސްވުމެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ސަރުކާރުގެ ދެ މުއައްސަސާގައި ލިބިފައި ހުރި ވަސީލަތްތައް އެކީގައި ބޭނުން ކުރުމަށް ފުރުސަތު ތަނަވަސްވެގެން ދާނެ ކަމަށާއި ސްޓެލްކޯއިން ޕޮލިޓެކްނިކާ ހިއްސާ ކުރެވެން ހުރި ހުރިހާ ވަސީލަތްތަކެއް ހިއްސާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.