ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން އިންތިޒާމްކޮށްގެން ހިންގާ ކާބޯތަކެތީގެ މައުރަޒު "އެމް.އެން.ޔޫ ފަހި ސުފުރާ" ހުޅުވައިފިއެވެ.
މިފެސްޓިވަލް އިފްތިތާޙު ކޮށްދެއްވުމަށް ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ވަޑައިގަތީ ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަބްދުﷲ ޖާބިރެވެ.
މިފެސްޓިވަލް ކުރިއަށް ދާނީ 1 ން 2 މާރިޗް 2023 އަށް ކޮންމެ ދުވަހަކު 10:00 ން 22:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.
ތަފާތު އެކި ވިޔަފާރިތަކުންނާއި އަމިއްލަ ބައެއް ފަރާތްތައް ހިމެނޭ ގޮތަށް 17 ފަރާތަކުން ވަނީ ބައިވެރި ވެފައެވެ.

މި ފެސްޓިވަލްގައި 300އަށް ވުރެއް ގިނަ ވައްތަރުތަކުގެ ކާބޯތަކެތި ލިބިގެންދާނެއެވެ. އެމް.އެން.ޔޫ ފަހި ސުފުރާ / އެމް.އެން.ޔޫ ފުޑް ފެސްޓިވަލަށް ވަނުމުގެ ފުރުސަތު ހުރިހާ އާންމުންނަށް ހިލޭ ހުޅުވާލެވިފައިވާނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މި ބާއްވާ އެމް.އެން.ޔޫ ފަހި ސުފުރާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދިވެހީންގެ ތެރޭގައި ތިބި ކާބޯތަކެތި އުފެއްދުންތެރިން އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދިނުން ހިމެނެއެވެ. އަދި ކާބޯތަކެތި ވިއްކުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހި ކޮށްދީ އެފަދަ މާޙައުލެއް އުފެއްދުމަކީވެސް މި ބާޒާރުގެ މަޤްޞަދެކެވެ.

ޔުނިވަރސިޓީގެ ސްޓާފުންނާއި ދަރިވަރުންގެ ސްޓޯލްތަކެއްވެސް މި ފެސްޓިވަލްގައި ހިމެނިގެން ދާނެ އެވެ. އަދި އޭގެ އިތުރުން ކުޑަކުދިންގެ ހަވީރެއްވެސް ހަވީރު 16:00-18:00 އަށް މި ދެ ދުވަހުގައި ކުރިއަށްދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!