އިޓާލިއަން ލީގުގައި ޔުވެންޓަސްއާއި ޓޮރީނޯ ބައްދަލުކުރި މެޗު ޔުވެންޓަސްއިން ކާމިޔާބު ކުރިއިރު، ޕޮއިންޓް ތާވަލުގެ ފުލުގައި އޮތް ކްރެމޮނީސޭއިން ރޯމާ ބަލިކޮށްފިއެވެ.

ރޭ ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ 4-2 ގެ ނަތީޖާއިން ޓޮރީނޯ ބަލިކޮށްފައެވެ.

Ad
rt

ޔުވެންޓަސް ދޫކޮށް 89 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއްގެ ދަށުން 2015/16 ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމަށް ފަހު މިދިޔަ އަހަރުގެ ހޫނު މޫސުމުގައި އަލުން ޔުވެންޓަސްއާއި ގުޅުނު ޕޮގްބާ ރޭގެ މެޗުގައި ވަނީ ކުޅެފައެވެ. މިއީ މީގެ އަށްވަރަކަށް މަސް ކުރިން ޔުވެންޓަސްއާއި ގުޅުނު ޕޮގްބާ އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ.

ޕޮގްބާ ޔުވެންޓަސްއަށް އެނބުރި އައިތާ ކުޑަ ދުވަސްކޮޅެއް ފަހުން ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ހުރީ ކުޅުމާއި ދުރުގައެވެ. އެ އަނިޔާގެ ސަބަބުން މިދިޔަ އަހަރު ފަހުކޮޅު ގަތަރުގައި ކުޅުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފްރާންސުން އެކުލަވާލި ޓީމުން ވެސް އޭނާއަށް ވަނީ ފުރުޞަތު ގެއްލިފައެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ޓޮރީނޯއިންނެވެ. މި ލަނޑު ދެވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޔަން ކަރަމޯއެވެ. ޔުވެންޓަސްއިން ފުރަތަމަ ފަހަރަށް ނަތީޖާ ހަމަހަމަ ކުރީ 16 ވަނަ މިނެޓުގައި ކުއަޑާޑޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް ޓޮރީނޯއަށް ދެވަނަ ފަހަރަށް ލީޑު ލިބިފައި ވަނީ ސަނަބްރިއާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ނަމަވެސް އެ ޓީމަށް ފުރަތަމަ ހާފު ނިމެންދެން ވެސް ލީޑު ހިފެހެއްޓޭ ވަރެއް ނުވިއެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޑަނީލޯ ވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަ ކޮށްފައެވެ.

ޔުވެންޓަސްއަށް މެޗުގެ ލީޑު ފުރަތަމަ ފަހަރަށް ލިބިފައި ވަނީ 71 ވަނަ މިނެޓުގައި ކިއެސާ ތަނަވަސް ކޮށްދިން ފުރުޞަތުގައި ބްރެމާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ޔުވެންޓަސްއަށް ހަތަރުވަނަ ލަނޑު 81 ވަނަ މިނެޓުގައި ޖަހައިދީފައި ވަނީ އެޑްރިއަން ރެބިއުޓް އެވެ.

ރޭ ރޯމާ ވަނީ ޕޮއިންޓް ތާވަލުގެ ފުލުގައި އޮތް ކްރެމޮނީސޭ އަތުން 2-1 ގެ ނަތީޖާއިން ބަލިވެފައެވެ. ކްރެމޮނީސޭގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ވެސް ކްރެމޮނީސޭއިންނެވެ. މި ލަނޑު 17 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ ސަޑިއުޓްއެވެ. ރޯމާއިން ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 71 ވަނަ މިނެޓުގައި ސްޕިނަޒޯލާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މެޗުން ކްރެމޮނީސޭ މޮޅުވި ލަނޑު 83 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ޑެނިއަލް އެވެ.

ޓޮރީނޯ އަތުން މޮޅުވެ ޔުވެންޓަސް ވަނީ ޕޮއިންޓް ތާވަލުގެ ހަތްވަނައަށް ކުރިއަށް ޖެހިލާފައެވެ. އެ ޓީމަށް 24 މެޗުން ވަނީ 35 ޕޮއިންޓް ލިބިފައެވެ. ޔުވެންޓަސް އަތުން ބަލިވި ޓޮރީނޯ މިވަގުތު އޮތީ ތާވަލުގެ 9 ވަނާގައެވެ. އެ ޓީމަށް 24 މެޗުން ލިބިފައި ވަނީ 31 ޕޮއިންޓެވެ. ރޯމާ މިވަގުތު އޮތީ ތާވަލުގެ ފަސް ވަނާގައެވެ. އެ ޓީމަށް 24 މެޗުން ލިބިފައި ވަނީ 44 ޕޮއިންޓެވެ. ރޭ ރޯމާ އަތުން ލިބުނު މޮޅާއިއެކު ކްރެމޮނީސޭ ވަނީ 19 ވަނައަށް ޖެހިލާފައެވެ. އެ ޓީމަށް ލިބިފައި ވަނީ 24 މެޗުން 12 ޕޮއިންޓެވެ.