ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުމުގެ ގޮތުގައި ހައްގުވާ ފައިސާ ނުދިން މައްސަލަ މުވައްޒަފުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން ކޮންމެ ދެ އަހަރުން އެއް އަހަރު މުވައްޒަފުންނަށް ދޭންޖެހޭ މުސާރައިގެ ކުރިއެރުން 2018 ވަނަ އަހަރުން ފެށިގެން ނުދޭތީ އެ މައްސަލަ މުވައްޒަފުންތަކެއްގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި އެވެ.
ނަމަވެސް ޓްރައިބިއުނަލުން މިމަހު ނިންމީ އެ ފައިސާ މުވައްޒަފުންނަށް ހައްގުވާ ކަމަށާއި އެކަމަކު ބަޖެޓް ހަމަޖެހިފައި ނެތުމުގެ ސަބަބުން އެ ފައިސާ ދޭން އަމުރު ނުކުރެވޭނެ ކަމަށެވެ.
އެ މައްސަލަ އިސްތިއުނާފު ކުރަން މުވައްޒަފުންގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދޭންޖެހޭ ގޮތަށް މުވައްޒަފުންގެ ގަވާއިދުގައި އޮތް ބައި ވެސް މިހާރު ވަނީ ބާތިލްކޮށްފަ އެވެ. ޝަރުއީ ދާއިރާގެ މުވައްޒަފުންގެ އޮނިގަނޑު އޮންނަ ގޮތުން ޖުޑީޝަލް އެލަވަންސާއި އިތުރު ގަޑީގެ ފައިސާ ވެސް ހިސާބު ކުރަނީ މުސާރައިގެ ނިސްބަތުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!