1444 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ޝައުޤުވެރިވާ އަމިއްލަ ކުންފުނިތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ޕްރޕޯސަލް ހުށަހެޅޭނީ ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާ ގުޅޭ އުސޫލުގައި ބުނެފައިވާ ޝަރުޠު ހަމަވާ ކުންފުނިތަކަށް ކަމަށެވެ.

Ad
rt

ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ހުއްދަދޭނީ ހުށަހަޅާ ކުންފުނިތައް އިވެލުއޭޓްކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ 3 ކުންފުންޏަކަށެވެ. މިގޮތުން ހޮވޭ ކޮންމެ ކުންފުންޏަކަށް ދޭނީ 90 ކޯޓާ އެވެ. ކޮވިޑްގެ ކުރިން ސައުދީން ރަސްމީކޮށް ރާއްޖެއަށް ދެމުން އައީ 1000 ކޯޓާއެވެ. އަދި ބައެއްފަހަރު އެ 1000 ކޯޓާގެ އިތުރަށް އިތުރު ކޯޓާވެސް ވަނީ ދީފައެވެ.

ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ލިބޭ ހުރިހާ ކުންފުނިތަކުންވެސް އެ ކުންފުންޏެއްގެ ހަވާލުގައި ޙައްޖަށްދާ އެންމެހައި ޙައްޖުވެރިންނަށް މިނާގެ ތެރެއިން ޖާގަ ކަށަވަރުކޮށްދޭންޖެހޭނެއެވެ. ހުއްދަ ލިބުމަށްފަހު އެކަން ފުރިހަމަ ނުކުރެވޭނަމަ އެ ފަރާތަކަށް ދީފައިވާ ހުއްދަ ބާޠިލުކުރެވޭނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ޕްރޮޕޯސަލް ފޮތާއި ޕްރޮޕޯސަލް ހުށަހަޅާފަރާތްތަކަށް ދެވޭ މަޢުލޫމާތު ކަރުދާސް އެނިސްޓްރީގެ ވެބްސައިޓުގައި މިހާރުވަނީ އާންމުކޮށްފަ އެވެ.

ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓީންގ އޮންނާނީ އަންނަ މަހުގެ 2 ވާ (ބުރާސްފަތި) ދުވަހުގެ 10:00ގައި މިނިސްޓްރީގެ މީޓިންގ ރޫމް 1 ގައެވެ.

ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން މާރިޗް 13 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ދައްކަންޖެހެއެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ދައްކާފައިވާ ކުންފުނިތަކަށެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ފީއަކީ 10،000 (ދިހަހާސް ) ރުފިޔާއެވެ. ހުއްދަ ލިބޭ ކުންފުންޏަކުން 20000 ރުފިޔާގެ ރެޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ.

ޕްރޮޕޯސަލްތައް ބަލައިގަންނާނީ މާރިޗް މަހުގެ 14 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00ގައި، ޕްރޮޕޯސަލް ހުށަހަޅާ ބޭފުޅުންގެ ހާޒިރުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޖަލްސާކުރާ މާލަމުގައެވެ.

ކޮވިޑުގެ ހާލަތުގެ ސަބަބުން ފާއިތުވި 3 އަހަރު ހައްޖުގެ އަޅުކަން ކުރިއަށް ގެންގޮސްފައިވަނީ އާންމު އުސޫލުން ހުއްދަދޭ މިންވަރަށްވުރެ މަދު މީހުންނާއެކުގައެވެ. އެގޮތުން 2020 ވަނަ އަހަރު މި އަޅުކަން އަދާ ކުރުމަށް ހުއްދަ ދީފައިވަނީ 1000 މީހުންނަށެވެ. 2021 ވަނަ އަހަރު 60،000 މީހުންނަށް ހައްޖުވުމުގެ ފުރުސަތު ސައޫދީން ދީފައިވާއިރު ފާއިތުވި އަހަރު ދީފައިވަނީ 1 މިލިއަން މީހުންނަށެވެ.

ކޮވިޑްގެ ކުރިން ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ބަޔަކު ހައްޖުގެ އަޅުކަން އަދާކުރާއިރު، 2019 ވަނަ އަހަރު 2.5 މިލިއަން މީހުން ހައްޖުގެ އަޅުކަން އަދާކޮށްފައިވެއެވެ.