ޕާކް ކުރާނެ ތަނެއް ނުދައްކައިގެން ވެލާނާގެ ބިލްޑިންގް ގައި މަސައްކަތްކުރާ ބައެއް ސަރުކާރު މުވައްޒަފުން އިހުތިޖާޖުކޮށްފި އެވެ.

ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް ހިންގާ ވެލާނާގެ ބިލްޑިންގްގެ ކުރިމަތީގައި އިހުތިޖާޖުކޮށްފައިވަނީ އެސަރަހައްދުގައި ހުންނަ ޕާކިން ޒޯނުގައި ސައިކަލްތައް ޕާކް ނުކުރެވޭ ގޮތް ހެދުމުން ހިތްހަމަނުޖެހިގެންނެވެ.

Ad
rt

ބައެއް މުވައްޒަފުން ދަނީ އެ ސަރަހައްދުގައި ޝުއޫރު ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން ހިމޭން އިހުތިޖާޖެއް ކުރަމުންނެވެ. އިހުތިޖާޖު ކުރާ މުވައްޒަފުން ވަނީ ރައްޔިތުންގެ މަޖިލިހުގެ އިދާރާ ކައިރި އަށް ގޮސް އަޑުއުފުލައިފަ އެވެ.

ބައެއް މީހުން ހިފައިގެން ތިބި ޕޯސްޓަރުތަކުގައި ލިޔެފައިވަނީ، ސަރުކާރުގެ އެންމެ ގިނަ އޮފީސް ހިސާބުގައި ޕާކު ކުރެވޭނެ ޖާގައެއް ނެތްކަމަށާއި ނަމަވެސް ވެރިންނަށް ވެލާނާގެ ތިރިން ޕާކު ކުރާނެ ތަން ލިބޭ ކަމަށެވެ.

ވެލާނާގެ ބިލްޑިންގާއި ދަރުމަވަންތަ ސްކޫލް ކައިރީގައި ހުންނަ ޕާކިން ޒޯނުގައި ޕާކް ކުރުން ކުއްލި ގޮތަކަށް މަނާކޮށްފައިވަނީ މިއަދު އެވެ. އެ ސަރަހައްދުގައި ހުރި ފަރާތަކުން ބުނީ މުވައްޒަފުން މިއަދު އޮފީހަށް ދިޔައިރު، އެ ޒޯނުގެ ވަށައިގެން ސަތަރި ދަމައި ޕާކިން ޒޯނު ބަންދު ކޮށްފައިވާ ކަމަށެވެ.

ވެލާނާ ބިލްޑިންގްގެ ކުރިމަތީގައި ވެހިކަލް ޕާކުކުރުމަކީ މަނާކަމެކެވެ. ރަސްމީ ގަޑީގައި އެސަރަހައްދުން ޖާގަ ލިބުމަކީ ނާދިރުކަމެކެވެ.

އެ ސަރަހައްދުގައި ޕާކް ކޮށްފައި ހުރި ސައިކަލުތަކުގައި މިފަހުން ފުލުހުން ނުކުމެ ވަނީ ސްޓިކާ ޖަހައިފަ އެވެ.