މި އަހަރުގެ ޙައްޖުގެ އަޅުކަމުގެތެރޭގައި ދިވެހި ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފިއެވެ.
މިމަހުގެ 25 ވަނަ ދުވަހު ފުރަތަމަ ސޮއިކުރެއްވީ އަލްއަދިއްލާ ކޮމްޕެނީގެ އިދާރާގައި މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އަލްއުސްތާޛް މުޙައްމަދު އަނީލްއެވެ.
އެއީ ޙައްޖުގެ އަޅުކަމުގެ ތެރޭގައި ދިވެހި ޙައްޖުވެރިން މަދީނާއަށް ކުރާ ޒިޔާރަތުގައި، ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުމެކެވެ.
ދެވަނަ އެއްބަސްވުމަކީ، ޙައްޖުގެ އަޅުކަމުގެ ތެރޭގައި މައްކާ، މިނާ އަދި ޢަރަފާތުގައި ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ޟުޔޫފުލްބައިތު ކޮމްޕެނީއާއެކު ސޮއިކުރެއް އެއްބަސުވުމެކެވެ. މިމަހުގެ 26 ވަނަ ދުވަހު މި އެއްބަސްވުމުގައި ސޮއިކުރެއްވުން އޮތީ ޟުޔޫފުލްބައިތު ކޮމްޕެނީގެ އިދާރާގަ އެވެ.
ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ދިވެހި ޙައްޖުވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ.
ސަޢޫދީ ސަރުކާރުން ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށްޓަކައި ދެއްވާ ރަސްމީ ކޯޓާގެ ގޮތުގައި 1000 ކޯޓާ މިއަހަރު ވަނީ ރާއްޖެއަށް ލިބިފައެވެ.
އިތުރު ކޯޓާ ހޯއްދެވުމުގެ މަސައްކަތް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަހުމަދު ޒާހިރު ޢަލީ ކުރައްވަމުން ގެންދަވާއިރު މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ޙައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ ކުންފުނިތަކަށްވެސް ހުޅުވާލާގޮތަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!