ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ޔޫނިއަން ބާލިން ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ޕޮއިންޓް ތާވަލުގެ އެއްވަނައަށް ބަޔާން ޖެހިލައިފިއެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި ރޭ ޔޫނިއަން ބާލިންއާއި ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.

Ad
rt

މި މެޗުގައި ބަޔާނުން ފުރަތަމަ ލަނޑު ޖަހާފައި ވަނީ 31 ވަނަ މިނެޓުގައެވެ. މި ލަނޑު ކިންގްސްލީ ކޮމަން ޔޫނިއަން ބާލިންގެ އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ޗޫޕޯ މޯޓިން އެވެ.

ބަޔާންގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް ތޯމަސް މުލާ މެދުން ކުޅުނު ޕާހަކުން ތަނަވަސް ވީ ފުރުޞަތުގައި ކޮމަން ވަނީ އެ ބޯޅަ ހިފައިގެން ބާލިންގެ އޭރިއާ ތެރެއަށް ހުހަށް ވަދެ ކީޕަރު ވެސް ނައްޓާލުމަށް ފަހު ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

ބަޔާނުން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު 20 އަހަރު ފުރުނު އެ ޓީމްގެ ކުޅަދާނަ މިޑްފީލްޑަރ ޖަމާލް މުސިއާލާއެވެ.

މިދިޔަ ނޮވެމްބަރ މަހު ކުރީކޮޅު އަނިޔާވެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ވެސް ގެއްލުނު ސަޑިއޯ މާނޭ އަނިޔާއިން ސަލާމަތްވެ މި މެޗުގެ ދެވަނަ ހާފުގައި ވަނީ ކުޅެން ނުކުމެފައެވެ. މާނޭ މެޗުގެ ފަހު ވަގުތުކޮޅު ބަޔާނަށް ހަތަރު ލަނޑުގެ ލީޑެއް ނެގުމަށް ރަނގަޅު ފުރުޞަތެއް އެ ޓީމްގެ މުލާއަށް ތަނަވަށް ކޮށްދިން ނަމަވެސް މުލާ ފޮނުވާލި ބޯޅަ ބާލިންގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

މި މޮޅާއިއެކު ބަޔާންއާއި ޑޯޓްމަންޑް ޕޮއިންޓްގެ ގޮތުން ހަމަހަމަ ވީ ނަމަވެސް ބަޔާނަށް އެއްވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ. ބަޔާން މިވަގުތު އެއްވަނާގައި އޮތީ 22 މެޗުން ލިބުނު 46 ޕޮއިންޓާއި އެކުގައެވެ. ޑޯޓްމަންޑަށް ވެސް ވަނީ 22 މެޗުން 46 ޕޮއިންޓް ލިބިފައެވެ. ޔޫނިއަން ބާލިން ތިންވަނާގައި އޮތީ 22 މެޗުން ލިބުނު 43 ޕޮއިންޓާއި އެކުގައެވެ.