ދިވެހިރާއްޖޭގެ ކަނޑުފަޅުގެ ސަރަހައްދުތައް ބޭނުންކުރެވޭގޮތް ތަރުތީބުކުރުމަށް ތައްޔާރު ކުރަމުންދާ މެރިން ސްޕޭޝަލް ޕްލޭން އެކުލަވާލުމަށް ބޭނުންވާ އިތުރު މައުލޫމާތު އެއްކުރުމުގެ ގޮތުން ނޭޝަނަލް ޖިއޮގްރިފިކްގެ ޕްރިސްޓީން ސީސް އިން މިއަދު ފަށާ އެކްސްޕެޑިޝަންގައި ނޫރާއްޖޭގެ ސައިންޓިސްޓް މައީޝާ މުހައްމަދު ބައިވެރިވެއްޖެއެވެ.
މި ދަތުރުގައި މައީޝާއާއި އެކު ރާއްޖޭ އަދި ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ ސައިންސްވެރިން ބައިވެރިވާނެއެވެ. މިގޮތުން، އެކްސްޕެޑިޝަން ލީޑަރ ޔުނިވާރސިޓީ އޮފް ޕްލިމައުތު ގެ ޑރ. ކީރަން ފްރޭސާރ އާއި އެކްސްޕެޑިޝަންގެ ޗީފް ސައިންޓިސްޓް ޑރ. އެލަން ފްރެއިޑްލަންޑަރ އަދި ރާއްޖޭގެ މެރިން ބައޮލޮޖިސްޓެއް ކަމުގައިވާ އާޔާ ނަސީމް ބައިވެރިވާނެއެވެ. މި ދަތުރުގެ ސައިންސްވެރިން ރާއްޖޭގެ ދެކުނުގެ ކަނޑުތަކުގެ ހާލަތު ދެނެގަތުމަށް ބެއިޓެޑް ރިމޯޓް އަންޑަރ ވޯޓަރ ވީޑިއޯ ސިސްޓަމްސް (ބްރަވްސް)، ޑީޕް ޑްރޮޕް-ކެމެރާ ސާރވޭ، މިކްރޯޕެލިއޯ އަދި މައިކްރޯޕްލާސްޓިކް ސާމްޕްލިން ފަދަ އުކުޅުތައް ބޭނުންކުރާނެއެވެ.
ކުރިއަށް އޮތް މަހުގެ ތެރޭގައި ހުވަދު އަތޮޅާއި، ފުވައްމުލައް އަދި އައްޑޫ އަތޮޅަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ މި އެކްސްޕެޑިޝަންގައި ބޭނުންކުރާނީ "ބްލޫ ފޯސް ތްރީ" އުޅަނދެވެ. ނޫ ރާއްޖެއިން ކުރީގައި ކުރިއަށްގެންގޮސްފައިވާ އެކްސްޕެޑިޝަންތަކުން ހޯދާފައިވާ މަޢުލޫމާތުތައް މިދަތުރުގައި ހިންގާނެ ސައިންޓިފިކް ދިރާސާތަކުން އިތުރަށް މުއްސަނދިވެގެންދާނެއެއެވެ. އަދި މި މަޢުލޫމާތަކީ، ދިވެހިރާއްޖޭގެ ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީގެ ކަންކަން ބައްޓަންކުރުމަށް އެހީތެރިވެދޭނެ މަޢުލޫމާތުތަކަކަށް ވާނެއެވެ.
މި އެކްސްޕެޑިޝަން ނިންމުމަށްފަހު، އެކްސްޕެޑިޝަން ޓީމުން ސައިންޓިފިކް ރިޕޯޓަކާއި ޑޮކިއުމެންޓަރީ ވީޑިއޯއެއް ތައްޔާރުކުރާނެއެވެ. އަދި އެކްސްޕެޑިޝަންއިން އެއްކުރެވޭ މަޢުލޫމާތުން ރާއްޖޭގެ ކަނޑުފަޅު ބޭނުންކުރާގޮތުގެ ޕްލޭނަށް (މެރިން ސްޕޭޝަލް ޕްލޭން)، ނޫ ރާއްޖެއިން، ކުރިން އެއްކުރެވިފައިވާ މައުލޫމާތަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ. މެރިން ސްޕޭޝަލް ޕްލޭން ހެދުމަށް ނޫ ރާއްޖެއިން ކުރިންވެސް އެކި އެކްސްޕެޑިޝަންތައް ހިންގާ، އާންމުންގެ ހިޔާލު ހޯދުމުގެ ގޮތުން އާންމު ބައްދަލުވުންތަކާއި ކަނޑުފަޅު ބޭނުންކުރާގޮތުގެ ސާރވޭއެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެ އިތުރުން މި އެކްސްޕެޑިޝަންގެ ތެރެއިން ދިވެހިރާއްޖޭގެ ދަރިވަރުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން ލައިވް އޮންލައިން ސެޝަނަކާއި ސުވާލާއި ޖަވާބު ސެޝަނެއް ހިންގާނެއެވެ.
"މި އެކްސްޕެޑިޝަންއާއެކު ރާއްޖޭގެ މެރިން އިކޯސިސްޓަމްތަކާ ގުޅޭގޮތުން އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތު އިތުރަށް މުއްސަދިވެ، ކަނޑުފަޅުތަކާއި އޭގެ ރޯދި ހިމާޔަތްކުރަން މިކުރާ މަސައްކަތަށް ބާރުލިބިގެންދާނެ. މީގެ އިތުރުން، މިއީ އަޅުގަނޑުމެންގެ ތިމާވެއްޓާއި ގުޅޭ އައު މައުލޫމާތު ހޯދައި ކަނޑުތަކަށް އަޅުގަނޑުމެން ކުރާ ޤަދަރާއި ލޯބި އިތުރަށް އާލާކުރަން ލިބިގެންދާ ރަނުގެ ފުރުޞަތެއް،"
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވިއެވެ.
ރާއްޖޭގެ ދެކުނުގެ އަތޮޅު ތަކުގެ ކަނޑުގެ ހަލާތާއި ގުޅޭ އަގުހުރި މަޢުލޫމާތުތަކެއް އެއްކުރުމުގެ އިތުރުން ހިމާޔާތްކުރަންވީ ސަރަޙައްދުތައް ދެނެގަތުމަށް އެހީތެރިވެދޭނެ މި ދަތުރުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނީތީ އުފާކުރާކަމަށާއި، މި ފަދަ އެކްސްޕެޑިޝަންތަކުގެ ސަބަބުން ކަނޑުފަޅުގެ ސަރަޙައްދުތައް ރައްކާކުރުމުގެ މުހިންމުކަމަށް ސައިންސް އިން ބާރުލިބި، ސަރުކާރުން ކަނޑައަޅާ ސިޔާސަތުތަކަކީ ސައިންސްގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތަކަށްވުމަށް މަގުފަހިވެގެންދާނޭކަމަށް، ނޫރާއްޖޭގެ ސައިންސް އެންޑް ކޮމިއުނިކޭޝަންސް ލިއޭސަން މައީޝާ މުހައްމަދު ވިދާޅުވިއެވެ.

"ނެޝަނަލް ޖިއޮކްރަފިކް ޕްރިސްޓީން ސީސް ޓީމުން ވަނީ ދުނިޔޭގެ ކަނޑުތަކުގެ އެންމެ މުހިންމު ސަރަޙައްދުތައް ހިމާޔާތްކުރުމަށް އެކި ކަންކޮޅުތަކުގައި މަސައްކަތް ކޮށްފަ. މިއީ އަޅުގަނޑުމެން ދިވެހިރާއްޖޭގައި މިގޮތަށް ހިންގާ މިފަދަ ފުރަތަމަ އެކްސްޕެޑިޝަން. އަދި މިއީ، ދިވެހި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ހުރި ތަފާތު މާހައުލީ ނިޒާމުތަކާއި ގުޅޭ އިތުރު މަޢުލޫމާތު އެއްކުރުމަށް ލިބިގެންދާ ރަނގަޅު ފުރުޞަތެއް. ދިވެހި މުޖުތަމަޢުތަކާއި، އިޤްތިޞާދާއި، އަދި ރާއްޖޭގެ ތިމާވެއްޓަށް އުޖާލާ މުސްތަޤުބަލެއް ބިނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުފަޅުގެ ސަރަޙައްދުތައް ހިމާޔަތްކޮށް ވަޒަންކުރުމަށް ކުރިޔަށް ގެންދާ ނޫ ރާއްޖެ ޕްރޮގްރާމުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްކުރާ މަސައްކަތުގައި ބައިވަރުވުމަކީ އަޅުގަނޑުމެންގެ ޓީމަށް ލިބޭ ވަރަށް ބޮޑު އުފަލެއް".
ނޭޝަނަލް ޖިއޮގްރަފިކް ޕްރިސްޓީން ސީސްގެ ޗީފް ސައިންޓީސްޓް ޑރ. އެލަން ފްރައިޑްލަންޑަރ ވިދާޅުވިއެވެ.
ނޫ ރައްޖެއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ އިސްނެގުމާއެކު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޓޫރިޒަމް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އަދި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް ހިމެނޭ ގޮތަށް ސަރުކާރުގެ އެކި އިދާރާތަކާއި ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަކީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ ވެއިޓް އިންސްޓިޓިއުޓް، ވެއިޓް ފައުންޑޭޝަން، ނެޝަނަލް ޖިއޮގްރަފިކް ޕްރިސްޓީން ސީސް، ސްކްރިޕްސް އިންސްޓިޓިއުޝަން އޮފް އޯޝަނޯގްރަފީ، ސީސްކެޗް، އެންވަޔަރަންމަންޓަލް މާކެޓްސް ސޮލިއުޝަންސް ލެބް، ޔޫސީ ސަންޓާ ބާބަރާ، ޔޫސީއެލްއޭ އިންސްޓިޓިއުޓް އޮފް ދަ އެންވަޔަރަންމަންޓް އެންޑް ސަސްޓެއިނަބިލިޓީ، އަދި މިނޫންވެސް އެހެނިހެން ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ނޭޝަނަލް ޖިއޮގްރަފިކް ޕްރިސްޓީން ސީސް އަކީ ނޭޝަނަލް ޖިއޮގްރަފިކްގެ އެކްސްޕްލޯރަރ އިން ރެޒިޑެންސް އެންރިކް ސާލާ އުފައްދާފައިވާ ސައިންޓިފިކް ދިރާސާ ހިންގާ މީޑިއާ ޕްރޮޖެކްޓްއެކެވެ. ސައިންސްވެރިންނާއި، ޕޮލިސީ އެކްސްޕާޓުންނާއި ފިލްމް އުފައްދާ ފަރާތްތައް ހިމެނޭ ޕްރިސްޓީން ސީސް ޓީމަކީ ކުރިއަށް އޮތް ޖީލުތަކާއި ހަމައަށް ކަނޑުގެ ދިރުންތައް ދެމެހެއްޓުމަށް ބޭނުންވާ މެރިން ޕްރޮޓެކްޓެޑް އޭރިއާޒް އުފެއްދުމަށް މަަސައްކަތްކުރާ ޓީމެކެވެ. މިގޮތުން، ޕްރިސްޓީން ސީސް ޓީމް އިން ވަނީ 6.5 މިލިއަން ސްކުއާރ ކިލޯމީޓަރުގެ 26 މެރިން ރިޒާވް އުފެއްދުމުގެ މަސައްކަތުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!