ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް އާ ފަސް ޑެޕިއުޓީ ލީޑަރުން ރޭ އިންތިހާބުކޮށްފި އެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއާއި އެ ޕާޓީގެ ލީޑަޝިޕްގައި ހިމެނޭ އޭގެ ތެރޭގައި ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުން ހިމެނޭހެން 12 ބޭފުޅަކު ވާދަ ކުރެއްވި އެވެ.

Ad
rt

ޖޭޕީގެ ކޮންގްރެސްގައި ޑެޕިއުޓީ ލީޑަރުގެ މަގާމަށް އިންތިހާބުވީ، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ (558 ވޯޓު)، ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖޭޕީގެ ކުރީގެ ނައިބު ރައީސް އަމީން އިބްރާހިމް (327 ވޯޓު)، ފުވަމުލަކު އުތުރު ދާއިރާގެ ކުރީގެ ޕީޕީއެމް މެންބަރު އަލީ ޝާހް (277 ވޯޓު)، އިގްބާލް އާދަމް (263 ވޯޓު) އަދި ޖޭޕީގެ ކުރީގެ ނައިބު ރައީސް އަހުމަދު ސައުދު (275 ވޯޓު) އެވެ.

ސަރުކާރުގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން ޑެޕިއުޓީ ލީޑަރުގެ މަގާމަށް އިންތިހާބުކުރީ ހަމައެކަނި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ އެވެ.

އެންމެ ކެނޑިޑޭޓެއް ކުރިމަތި ލުމުގެ ސަބަބުން އެ ޕާޓީގެ ހަތަރު މަގާމަކަށް ވަނީ ބޭފުޅުން ހޮވިފައެވެ. އެއީ ޖޭޕީގެ ލީޑަރު ކަމަށް ގާސިމް އިބްރާހިމާއި، ޒުވާނުންގެ ލީގުގެ ރައީސަކަށް އަބްދުﷲ ޔާމީން، ޒުވާނުންގެ ލީގްގެ ނައިބު ރައީސަށް ޝުވެއިބް ޝިފާޒް ޝަރީފް އަދި އަންހެނުންގެ ލީގުގެ ސެކެޓަރީއަކަށް އައިޝަތު ޝޫޒާއެވެ.

ޑެޕިއުޓީ ލީޑަރުގެ އިންތިހާބުގައި ވޯޓުލުމަށް 741 މީހުން ރަޖިސްޓަރީ ކުރި އެވެ. އޭގެ ތެރެއިން ވޯޓު ލާފައި ވަނީ 680 މީހުންނެވެ.

އެ ކޮންގްރެސްގައި ރޭ ޖޭޕީން ވަނީ މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީ އިސްވެ އޮވެ ވާދަކުރަން އެ ޕާޓީގެ ކައުންސިލަށް ލަފާދޭން ފާސްކޮށްފައެވެ.