ހެލްމެޓް އެޅުން ލާޒިމް ނުކުރާ ތަންތަނުގައި ހެލްމެޓް އަޅައިގެން ރަށުތެރޭގައި އުޅޭ މީހުން ހުއްޓުވައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފި އެވެ.

ފުލުހުން މިގޮތައް އަންގާ އިޢުލާންކޮށްފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގަ އެވެ. ފުލުހުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ ހެލްމެޓް އަޅައިގެންތިބެ، މޫނު ނިވާކޮށްގެން ތަންތަނަށް ގެއްލުން ދިނުމާއި މާރާމާރީތައް ހިންގުމުގެ މައްސަލަތައް މާލެ އާއި ހުޅުމާލޭގައި ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

Ad
rt

އެބަޔާނެއްގައި ބުނެފައިވަނީ، ހެލްމެޓް އެޅުން ގާނޫނުތަކުން ލާޒިމްނުކުރާ ސަރަހައްދުތަކުގައި ކާކުކަން ވަންހަނާކޮށް، ކުށްކުށަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓް އަޅައިގެން ބައެއް މީހުން އުޅޭ ކަމަށެވެ.

"ހެލްމެޓް އެޅުން ލާޒިމްކުރާ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މިހުންނަށް ފާރަވެރިވެ، ތުހުމަތު ކުރެވޭ މީހުން ހުއްޓުވައި ބަލައި ފާސްކުރާނެ"

ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

މިއީ، އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އަމާން ވެއްޓެއް ގާއިމްކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްކަމުގައިވެސް އެބަޔާނުގައި ވެއެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ އާއްމު ގަވައިދުގައިވާ ގޮތުން، ދެ ފުރޮޅުލީ އުޅަނދު ދުއްވާއިރު، އެ އުޅަނދު ދުއްވަން އިންނަ މީހާ އާއި ފަހަތުގައި އިންނަ މީހާ ހެލްމެޓް އެޅުން ލާޒިމްކޮށްފައިވަނީ 30 ކިލޯ މީޓަރަށް ވުރެ ބާރަށް ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގަ އެވެ. އެގޮތަށް ބަލާއިރު، މާލެ ސަރަހައްދުގައި ހެލްމެޓް އެޅުން ލާޒިމްކޮށްފައިވަނީ ސިނަމާލެ ބްރިޖާއި ހައިވޭގައި ދުއްވާއިރު އެކަންޏެވެ. އެ ސަރަހައްދުތަކުގައި އެކަން އަންގައިދިނުމަށް ބޯޑެއް ހަރުކޮށްފައި ހުރެ އެވެ.

ހެލްމެޓް އަޅައިގެން ތިބި ދެ ފިރިހެނަކު މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ހުޅުމާލޭގެ ކެފޭއަކަށް މަރުތެޔޮތަކެއް ހިފައިގެން ވަދެ އެ ތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. މީގެ އިތުރުން، މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް މާފަންނު ފިހާރައަކަށް ވަތް ފިރިހެނަކަށް، ހެލްމެޓް އަޅައިގެން ތިބި ބަޔަކު ވަނީ ހަމަލާދީ ޒަހަމްކޮށްލައިފަ އެވެ.