ޤައުމު ވެއްޓިފައި އޮތް ހިސާބުން ކުރިޔަށް ގެންދެވޭނީ، މި އަހަރު ސްޓޭބަލް ސަރުކާރެއް ޤާއިމް ކުރެވިގެންކަމުގައި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރަން އެޕާޓީން ނިންމާފައިވާއިރު، މިނިސްޓަރު އިމްރާން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސްޓޭބަލް ސަރުކާރެއް ޤާއިމް ކުރުމުގެ ޕޯމިއުލަރގެ މަންޒަރު މި ދަނީ ކުރެހެމުން ކުލަޖެހެމުންކަމުގައެވެ.

Ad
rt

"މާތްﷲ އިރާދަކުރެއްވިއްޔާ އެ މަންޒަރުގެ ކުލަތަށް ލަސްތަކެއް ނުވެ ރައްޔިތުންނަށް ސާފުވާނެ"

މިނިސްޓަރ އިމްރާން ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ޞާލިހަށް ތާއިދުކުރަން ނިންމި ނިންމުން ދިފާއުކޮށް، އިއްޔެ އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ކަމަކަށް އިގުރާރުވަނީ ވަރަށް ގިނަ ވިސްނުންތައް ވިސްނައި ވަރަށް ގިނަ ގޮތްގޮތަށް ފިކުރު ކުރުމަށްފަހު ކަމަށެވެ.

އިސްލާމް ދީނާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިލްމާއި ސަލާމަތަށް އެންމެ ފަހި ގޮތެއް ނޫނީ އަދާލަތު ޕާޓީން ނުނިންމާނެ އަދި، އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަމާއި ސުލްހަ ސަލާމަތަށް އެންމެ ފަހިވާ ގޮތަށް ނޫނީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުން އިގުރާރެއް ނުވާނެ، މީގެ ކުރިން ވެފައެއް ވެސް ނެތް."

އިމްރާންގެ އެ ޓްވީޓުގައިވެ އެވެ.

ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކީ ކޯލިޝަން ހަދަން ދިން ދައުވަތު ގަބޫލުކޮށް، ރައީސް ޞާލިޙަށް ތާއީދުކުރަން އަދާލަތު ޕާޓީން ނިންމީ މިދިޔަ ބުދަ ދުވަހުއެވެ.

ރައީސް ޞާލިޙަށް ތާއީދުކުރަން ނިންމީ މި ހާލަތުގައި އެ ޕާޓީން ގަބޫލުކުރާ މަސްލަހަތުތައް ހިމާޔަތްކުރަން އެންމެ ފަހިކޮށް މަސައްކަތްކުރެވެން އޮތީ ދެވަނަ ދައުރަކަށް އެ މަނިކުފާނު އިންތިޚާބުކޮށްގެން ކަމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހަށް ފެންނާތީ ކަމަށް އެ ޕާޓީން ހާމަކޮށްފައިވެއެވެ.

މާޒީގައި އެހެން ސިޔާސީ ޕާޓީތަކާއެކީ ކުރެވުނު ތަޖުރިބާ އާއި ސަރުކާރުތަކުގައި އަދާލަތު ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރަން ލިބުނު ފުރުސަތުތަށް ވެސް، ރައީސްއަށް ދެވަނަ ދައުރެއް ހޯދައިދޭން މަސައްކަތް ކުރަން ނިންމި ސަބަބެއްގެ ގޮތުގައި އަދާލަތުން ވަނީ ފާހަގަކޮށްފައެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދުކުރަން ނިންމާފައިވާ ކަން މޯލްޑިވިއަން ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން އިއްޔެ ހާމަކޮށްފައިވާއިރު، ކޯލިޝަނުގައި ދެން ހިމެނޭ ދެ ޕާޓީ ކަމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އިން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.