ޔުއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ބުރުގައި މެންޗެސްޓާ ޔުނައިޓެޑާއި ރެއާކް ބެޓިސް ބައްދަލު ކުރަން ޖެހިއްޖެއެވެ.
ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ބުރުން ޔުނައިޓެޑް ޖާގަ ހޯދާފައި ވަނީ، ޕްލޭއޮފް ބުރުގައި ސްޕެއިންގެ ގަދަ ބާރެއް ކަމަށްވާ ބާސެލޯނާ ބަލިކުރުމަށް ފަހުއެވެ.
ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގުގައި ބާސާ ދަންޑުގައި މި ދެ ޓީމް ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއިން އެއްވަރުވީއިރު، ރޭ ދެވަނަ ލެގުގައި ޔުނައިޓެޑުން ވަނީ 2-1 ގެ ނަތީޖާއިން ބާސާ ބަލިކޮށްފައެވެ. ޔުނައިޓެޑަށް ގަދަ ސޯޅައިގެ ބުރުން ޖާގަ ލިބުނީ އެގްރިގޭޓް ނަތީޖާ 4-3 އިން ބާސާގެ މައްޗަށް ކުރި ލިބިގެންނެވެ.
ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ބުރުގައި އާސެނަލް ބައްދަލު ކުރާނީ ޕޯޗުގަލްގެ ސްޕޯޓިން ލިސްބަންއާއެވެ. މި ސީޒަންގައި ޖަރުމަނު ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޔޫނިއަން ބާލިން ބައްދަލުކުރާނީ ބެލްޖިއަމްގެ ޔޫނިއަން ސެއިންޓްއާއެވެ.
ޔޫރޮޕާ ލީގުގެ އެންމެ ކާމިޔާބު ޓީމްކަމަށްވާ ސްޕެއިންގެ ސެވިއްޔާ ގަދަ ސޯޅައިގެ ބުރުގައި ބައްދަލުކުރާނީ ނެދަލެންޑްސް ލީގުގެ ފެނަބާޗޭއާއެވެ.
އިޓަލީގެ ގަދަ ބާރު ޔުވެންޓަސް ޖަރުމަނުގެ ފްރެއިބާގާއި ދެކޮޅަށް ނުކުންނައިރު، ޖަރުމަނުގެ ބަޔާން ލެވަކޫސަން ނުކުންނާނީ ހަންގޭރީގެ ފްރެންސްވެރޮސް ދެކޮޅަށެވެ.
މޮރީނިއޯ އިރުޝާދު ދެމުންއަންނަ އިޓަލީގެ ރޯމާ ބައްދަލުކުރާނީ ސްޕެއިންގެ ރެއާލް ސޮސިއެޑާޑްއާއެވެ. ސަކްތަ ޑޮނެސްކް ބައްދަލުކުރާނީ ނެދަލެންޑްސްގެ ފޭނޫޑާއެވެ.
ޔޫރޮޕާ ލީގުގެ ގަދަ ސޯޅަ ބުރުގެ ފުރަތަމަ ލެގުގެ މެޗުތައް އަންނަ މާޗު މަހުގެ 9 ގައި ކުޅުމަށް ތާވަލު ކޮށްފައިވާއިރު ، ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ މާޗު މަހުގެ 16 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!