ސިހުރު ހަދަން ބޭނުންކުރާ ލިޔުންތަކެއް ގެންގުޅުނު މީހަކު ތިން އަހަރަށް ގޭ ބަންދުކުރަން ނ. އަތޮޅުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
ނ. ހޮޅުދޫ މީހެއްގެ މައްޗަށް އެރަށު ކޯޓުން އެ ހުކުމްކުރީ 2016 ވަނަ އަހަރު އޭނާ ދިރިއުޅޭ ގެ ފާސްކުރިއިރު، ސިހުރު ހަދަން ބޭނުންކުރާ ލިޔުންތަކެއް ފެނުނު މައްސަލާގަ އެވެ.
ހޮޅުދޫ ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެގެއިން ފެނުނު ލިޔުންތަކަކީ ސިހުރު ހަދަން ބޭނުންކުރާ ފަދަ ލިޔުންތަެއް ކަމަށް އިސްލާމިކް މިނިސްޓްރީން އެ ލިޔުންތައް ދިރާސާކުރި ދީނީ އިލްމުވެރިއަކު ކޯޓުގައި ބުނެފައިވާ ކަމަށެވެ. އަދި ބައެއް ލިޔުންތަކުގައި ގުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނެސްފައިހުރި ކަން އިލްމުވެރިޔާގެ ބަހުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އެ ލިޔުންތަކަކީ ސަރުކާރުން ޗާޕް ކުރުމުން ކުރިން ގަނެފައި ހުރި ފޮތްތަކެއް ކަމަށް އެ މީހާގެ ފަރާތުން ބުންޏަސް، އެކަން އޭނާއަށް ސާބިތުކޮށް ނުދެވެ އެވެ.
ގާނޫނު އޮތްގޮތުން، އިސްލާމްދީނުގެ އަސްލަކާ ޚިލާފް ލިޔުމެއް ގެންގުޅުމުގެ އަދަބަކީ ތިން އަހަރާއި އަށް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭ ބަންދުކުރުން ނުވަތަ އަރުވާލުމެވެ.
އެކަމަކު އެ މީހާއަކީ އުމުރުން ދުވަސްވީ މީހަކަށް ވާތީ ކޯޓުން ނިންމީ އޭނާ ތިން އަހަރަށް ގޭ ބަންދު ކުރުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!