ހިޔާ ފްލެޓުތަކުގައި ގަވާއިދާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އެޗްޑީސީން ނިންމައިފިއެވެ.
އެ ކުންފުނިން ބުނީ ހިޔާ ފުލެޓްތަކަކީ އެއްމެ ބޮޑު އެއް އަބާދީއެއް އެއް ސަރަހައްދެއްގައި ދިރިއުޅެމުން ގެންދާ ސަރަހައްދަށްވާއިރު އެ ފުލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަމަށާއި، ފުލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ފަސޭހައަށް ގިނަ އުސޫލުތަކަކާއި ގަވާއިދުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
މިގޮތުން، ފިނިޝިންގެ މަސައްކަތްތައް ކުރުމުގައި އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމަށާއި އިމާރާތުގެ ސްޓަރަކްޗާއަށް ގެއްލުން ވާ ފަދަ ޓޫލްތައް ނުވަތަ އެކަހަލަ މަސައްކަތް ކުރުން ވަނީ މަނާ ކުރެވިފައިވާ ކަމެއް ކަމަށް އެޗްޑީސީން ބުންޏެވެ. އަދި އިމާރާތް ބޭނުން ކުރުމުގައި ވެސް އެހެން ފަރާތްތަކަށް އުނދަގޫ ނުވާނޭ ގޮތަށް އިމާރާތް ބޭނުން ކުރުމަށް ވަނީ އުސޫލުތަކެއް ހެދިފައިވާއިރު، ވިޔަފާރި ކުރުމަށް ކޮމާޝަލް އޭރިއާއެއްގެ ގޮތުގައި ކޮންމެ ޓަވަރެއްގެވެސް ގްރައުންޑް ފްލޯރ ކަނޑައެޅިފައިވާ ކަމަށާއި ނަމަވެސް، އެކި ފަހަރު މަތިން ހިންގާފައިވާ އިންސްޕެކްޝަންތަކުގައި މި އުސޫލުތަކާއި ޤަވައިދުތަކާއި ހިލާފު ގިނަ ކަންތައްތަކެއް ފާހަގަކުރެވެމުންދާ ކަން އެ ކުންފުނިން ފާހަގަކުރިއެވެ.
އެޗްޑީސީން ބުނީ، ބައެއް އެޕާޓްމަންޓްތަކުގައި ވަޑާން މަސައްކަތް ކުރުމާއި އެކި ވިޔަފާރިތަކަށް ޔުނިޓްތަކުގެ ބޭނުން ކުރުމާއި، ގިނަ އަދަދެއްގެ ކުނި އެޕާޓްމަންޓުގެ ބޭރުގައި ބެހެއްޓުން އަދި ބެލްކަނިން ބޭރަށް ވާގޮތަށް ސްޓްރަކްޗާއަށް ބަދަލު ގެނެސް ގަސް މުށި ފަދަ ތަކެތި ބެހެއްޓުން ފަދަ ކަންކަން އިންސްޕެކްޝަންތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނީ އެފަދަ ކަންކަން މަނާ ކުރެވިފައިވަނީ ރައްޔިތުންގެ ފަސޭހަ އާއި ރައްކާތެރިކަމަށް އިސްކަން ދިނުމަށް ކަމަށް ވާތީ، ކަނޑައެޅިފައިވާ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން އެގޮތަށް ފާހަގަކުރެވިފައިވާ އެޕާޓްމަންޓް ޔުނިޓްތައް ޖޫރިމަނާ ކޮށް، ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި މިހާރުވެސް މިކަމަށް ހާއްސަ އިންސްޕެކްޝަނެއް ހިޔާ ފުލެޓްތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.
އެޗްޑީސީގެ މި އިންސްޕެކްޝަނުން ފާހަގަވާ ކަންކަމަށް ބަލާ އެކަށީގެންވާ ފިޔަވަޅުތައް ޤަވައިދާއި އުސޫލުތަކުގެ ތެރެއިން އަޅަމުންގެންދާނެއެވެ.
އެ ކުންފުނީގެ އަމާޒަކީ ހުޅުމާލެ އަކީ، ރައްޔިތުންނަށް ދިރިއުޅެން ފަސޭހަ، ރައްކާތެރި ވެއްޓެއް ޤާއިމު ކުރެވިފައިވާ ރަށަކަށް ހެދުމެވެ. މިކަން ކުރުމަށް ރައްޔިތުންގެ އެއްބާރުލުން މުހިންމު ކަމަށް އެޗްޑީސީން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!