ހުޅުމާލެ އަކީ މިވަގުތު ރާއްޖޭގައި އެއްފަހަރާ އެއްމެ ގިނަ ބަޔަކު އާބާދު ވަމުން އަންނަ ރަށެވެ. ދެވަނަ ފިޔަވަހީގައި ގިނަ ގެދޮރުވެރިކަމުގެ މަޝްރޫއުތަކެއް ނިމި އަލަށް އާބާދު ވަމުން އަންނަ އިރު، ހުޅުމާލޭގައި ލިބެން ހުންނަ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ގިނަ ޙިދުމަތްތަކެއް ފޯރުކޮށްދިނުމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
އެ ކުންފުނިން، ވިޔަފާރީ ވެރިންނަށް ހުރި ފުރުސަތުތައް އިތުރުކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރުތަކަށް ހާއްސަ އިސްކަމެއް ދީގެން ގިނަ ކޮމާޝަލް ޔުނިޓްތަކާއި އިމާރާތްތައް އެޅުމަށް މިހާރު ހަވާލު ކުރެވި މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެގޮތުން، އަލަށް އިމާރާތް ކުރަމުންދާ ހައުސިން މަޝްރޫއުތަކުގެ ކޮމާޝަލް ޔުނިޓްތަށް އެކި ކަހަލަ ވިޔަފާރިތައް ހިމެނިގެން އިއުލާން ކުރެވި މިހާރު ޔުނިޓުތަކުގައި ހިދުމަތްތައް ވެސް ދަނީ ދެމުންނެވެ.
މީގެ އިތުރުން، މިހާރު ހުޅުމާލޭގައި ލިބެން ހުރި ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ހިދުމަތްތައް ޤާއިމު ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި އަލަށް ގާއިމު ކުރާ 2 ޕެޓްރޯލް ޝެޑަކީވެސް ޒަމާނީ ހިދުމަތްތައް ކަމަށްވާ ކާރު އަދި ސައިކަލް ދޮވެ، ކުދި ރިޕެއާ ކުރެވޭނެ ގޮތަށް ފަރުމާކޮށް، ހަވާލު ކުރެވިފައިވާ 2 މަސައްކަތެވެ. މީގެ ތެރެއިން، ހޯކްސް ޕްރައިވެޓް ލިމިޓަޑާއި ހަވާލުކުރެވުނު ޝެޑުން މިހާރު ވެސް ގިނަ ބަޔަކު ދަނީ ޙިދުމަތް ހޯދަމުންނެވެ.
ކެފޭ، ނުވަތަ ރެސްޓޯރަންޓުތަކަކީ އަބަދުވެސް އާއްމުންގެ މެދުގައި މަގުބޫލު ވިޔަފާރިތަކެވެ. ހުޅުމާލޭގައި ހުންނަ ކެފޭ އަދި ރެސްޓޯރަންޓުތަކަށް ހުރި ފުރުސަތުތައް އިތުރުކޮށް، އެފަދަ ތަންތަނަކީ އާއިލާތަކާއި ކުޑަ ކުދިންނަށް ހިތްފަސޭހަ އަދި ބޭނުން ކުރަން ފަސޭހަ ތަންތަނަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ވޯޓާ ފްރަންޓް ކޮމާޝަލް ކޮމްޕްލެކްސް ވެސް ފާހަގަކޮށްލެވެއެވެ. މި އިމާރާތުގައި ގިނަ ފްރެންޗައިސްތަކަކުން ހިދުމަތް މިހާރު ދެމުންދާއިރު، އިވެންޓް ފަދަ ހަފްލާ ބޭއްވުމަށް ކުޑަ ހޯލެއް ވެސް ހުރެއެވެ.
ހަމަ އެގޮތަށް ކެފޭ ކޯޓެއް ގާއިމު ކުރުމުގެ މަސައްކަތް ވެސް މިހާރު އެޗްޑީސޫން ދަނީ ކުރަމުންނެވެ. މި ކެފޭ ކޯޓުގައި 6 ރެސްޓޯރަންޓް ހުންނަ އިރު، ޓެރަސް އަދި އިވެންޓް ސްޕޭސްގެ އިތުރުން ސްވިމިން ޕޫލެއް ހުންނާނެއެވެ.
މީގެ އިތުރުން، ތަފާތު ޙިދުމަތްތައް އިތުރުކުރުމަށް ފިޓްނަސް އެންޑް ވެލްނަސް ސެންޓަރެއް ގާއިމު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެމްޓީޑީ އަދި ގްލަޓާއި ހަވާލުކޮށްގެން އިމާރާތް ކުރާ ސެންޓަރުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ މަސައްކަތްތައް ބައްޓަން ކުރެވިފައި ވަނީ ހުޅުމާލެ އަކީ ޒަމާނީ އަދި ހުރިހާ ހިދުމަތްތަކެއް ވެސް ފަސޭހަ ކަމާއި އެކު ލިބިގެންދާނެ ރަށަކަށް ހެދުމަށެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ފަރާތްތަކަށް ބޭނުންވާނެ ގިނަ ޙިދުމަތްތަކެއް ލިބިގެންދާނެ ގޮތަށް ޕްލޭން ކުރެވި ފުރިހަމަ ރަށަކަށް ހެދުމަކީވެސް އަމާޒެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!