ނ. އަތޮޅުގެ 4 ސުކޫލެއްގެ 132 ދަރިވަރުންނާއި އެކު، ފުރާވަރު ކޭމްޕު ލަންދޫގައި ކުރިއަށް ގެންގޮސްފި އެވެ.
މި މަހު 16 އިން 18 އަށް ކުރިއަށް ގެންދިޔަ 98 ވަނަ ފުރާވަރު ކޭމްޕުގައި ބައިވެރިވެފައިވަނީ އެއަތޮޅު ލަންދޫ، މާފަރު، ޅޮހި އަދި ކުޑަފަރީ ސްކޫލުގެ ދަރިވަރުންނެވެ.
ފުރާވަރު ކޭމްޕު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަބްދުއްރަހްމާންއެވެ.
އެ ރަސްމިއްޔާތުގައި ނޯތު ސެންޓްރަލް ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެން އޮފް ޕޮލިސް ޢަބްދުﷲ ޝަޠީހް، ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ނަސީރު، ނ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު އަބްދުﷲ ބައިވެރިވެލެއްވިއެވެ.
މިކޭމްޕުގައި ދަރިވަރުން ދީނީ ކަންކަމަށް އަހުލުވެރިކުރުވައި ދަރިވަރުންނާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކުރުމާއެކު އެ ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލެނބުމަށް ދަރިވަރުންނަށް ދަސްކޮށްދީފައިވާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރެއެވެ. އަދި ހެޔޮގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މައުލޫމާތު ދިނުމުގެ އިތުރުން މަދަރުސީ ތައުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައުލޫމާތުދީފައިވެއެވެ.

އޭގެ އިތުރުން، ވަގުތަށް ކަމޭހިތުމާއި އަމިއްލަ ސާފުތާހިރުކަމާއި ރައްކާތެރިކަމަށް މަސައްކަތްކުރާނެގޮތް ދަސްކޮށްދީފައިވެއެވެ. އަދި އާންމު އިޖުތިމާއި މިންގަނޑާ ހިލާފު ކަންކަން ބުނެދިނުމާއެކު ކަންކަމުގައި އިސްނަގައިގެން ހަރަކާތްތެރިވުމަށް ބާރުއެޅުމުގެ އިތުރުން ޒިންމާދާރު ބައެއްގެ ގޮތުގައި ދެމިތިބުމަށް ކުރަންޖެހޭ ކަންތައްތައް ބުނެދީފައިވެއެވެ.
އަދި ތަފާތު އެކިކަހަލަ ކުށްތަކުން ރައްކާތެރިކުރުމަށް މައުލޫމާތުދިނުމާއި ކަންކަމުގައި އެހެންމީހުންނާ ގުޅިގެން މަސައްކަތްކުރުމަށް ބާރުއަޅައި މައުލޫމާތުދިނުމުގެ އިތުރުން އެހެނިހެން މައުލޫމާތު ހިއްސާކުރުމާއެކު ކުޅިވަރުގެ ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!