އިނިގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ނިއުކާސަލް ބައްދަލުކުރި މެޗު ލިވަޕޫލުން ކާމިޔާބުކުރި އިރު، ފުލުގައި އޮތް ސައުތެމްޓަން އަތުން ޗެލްސީ ބަލިވެއްޖެއެވެ.
ރޭ ނިއުކާސަލްގެ ދަނޑުގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.
މި މެޗުގެ ފުރަތަމަ ވިހި މިނެޓްގެ ތެރޭ ލިވަޕޫލުން ވަނީ ދެ ލަނޑު ޖަހާފައެވެ. ނަމަވެސް މެޗުގައި ފުރަތަމަ ލަނޑު ޖަހާނެ ހުސް ފުރުޞަތެއް ލިބިފައި ވަނީ ނިއުކާސަލްއަށެވެ. ނިއުކާސަލްގެ އަލްމިރޯންއަށް ލިވަޕޫލް އޭރިއާތެރެއިން ލިބުނު ހުސް ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފައެވެ.
ލިވަޕޫލުން މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ 10 ވަނަ މިނެޓުގައެވެ. މި ލަނޑު ޑާވިން ނުނޭޒް ކާމިޔާބު ކޮށްފައި ވަނީ އެ ޓީމްގެ ފަހަތުން ނިއުކާސަލްގެ އޭރިއާ މައްޗަށް އާނޯޑް ކުޅުނު ދިގު ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ލިވަޕޫލަށް މެޗުގައި ލީޑު ފުޅާކޮށްދީފައި ވަނީ ގަކްޕޯއެވެ. މެޗުގެ 17 ވަނަ މިނެޓުގައި ސަލާހް ކުޅުނު ޕާހެއް ނިއުކާސަލްގެ އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު ގަކްޕޯ ވަނީ އެ ބޯޅަ ގޯލުގެ ކައިރިކަނަށް ވައްދާލާފައެވެ.
މެޗުގެ ނިއުކާސަލްއަށް އިތުރު މައްސަލައާއި ކުރިމަތިވީ، މެޗުގެ 22 ވަނަ މިނެޓުގައި އެ ޓީމްގެ ކީޕަރު ނިކް ޕޯޕްއަށް ރަތްކާޑު ދެއްކުމާއި ގުޅިގެންނެވެ. ޕޯޕްއަށް ރަތްކާޑު ދައްކާފައި ވަނީ އެރިއާ ބޭރުން ގަސްތުގައި ބޯޅައިގައި އަތްލުމާއި ގުޅިގެންނެވެ.
އެ ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ނަމަވެސް ފުރަތަމަ ހާފުގައި ނުއުކާސަލުން ވަނީ ވަރަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. އެ ޓީމްގެ ފޯވާޑް މެކްސިމިން ފޮނުވާލި ހަމަލާ އެލިސަން މަތަކުރިއިރު، ޑީން ބާން ފޮނުވާލި ހަމަލާ އަމާޒުވީ ލިވަޕޫލުގެ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ރޭ ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި ތާވަލުގެ ފުލުގައި އޮތް ސައުތެމްޓާން އަތުން 1-0 ގެ ނަތީޖާއިން ބަލިވެފައެވެ.
ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ޗެލްސީގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކޮށްދީފައި ވަނީ ވާޑް ޕޯސޭއެވެ. މިއީ ޕްރިމިއާ ލީގުގައި އޭނާ ހިލޭ ޖެހުމުން ކާމިޔާބުކުރި 17 ވަނަ ލަނޑެވެ. ޕްރިމިއާ ލީގުގައި އެންމެ ގިނައިން ހިލޭ ޖެހުމުން ލަނޑު ޖަހާފައި ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ޑޭވިޑް ބެކަމްއެވެ. އޭނާ ވަނީ ހިލޭޖެހުމުން 18 ލަނޑު ޖަހާފައެވެ.
މި މެޗުގައި ނަތީޖާ ހަމަހަމަ ކުރުމަށް ޗެލްސީން ވަނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެ ޓީމްގެ ލިބުނު ހުސް ފުރުޞަތުތަކުގެ ބޭނުން ކުރެވިފައި ނުވެއެވެ. ޓްރާންސްފާގައި ކުރި ބޮޑެތި ޚަރަދުތަކާއި އެކު އަދިވެސް ޗެލްސީއަށް ހަމަނޭވާއެއް ލެވޭވަރެއް ނުވެއެވެ. އެ ޓީމަށް އެންމެ ފަހުން ކުޅުނު 14 މެޗުގެ ތެރެއިން މޮޅުވެވިފައި ވަނީ ވެސް އެންމެ ދެ މެޗުންނެވެ.
މި ނަތީޖާތަކާއިއެކު ލިވަޕޫލް ވަނީ ތާވަލުގެ 8 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އެ ޓީމަށް 22 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ މިވަގުތު އޮތީ ތާވަލުގެ 10 ވަނާގައެވެ. އެ ޓީމަށް 23 މެޗުން ލިބިފައި ވަނީ 31 ޕޮއިންޓެވެ. ނިއުކާސަލް މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނާގައެވެ. އެ ޓީމަށް 23 މެޗުން ލިބިފައި ވަނީ 41 ޕޮއިންޓެވެ. ޗެލްސީ އަތުން މޮޅުވެ ތާވަލުގެ ފުލުގައި އޮތް ސައުތެމްޓަން ވަނީ އުންމީދެއް ހޯދާފައެވެ. އެ ޓީމަށް 23 މެޗުން 18 ޕޮއިންޓް ވަނީ ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!